މުނިފޫހިފިލުވުން

''އިން ފަހަނަ އެޅި އިޝްގު'' ދައްކައިދޭން ހެހެސް އަންނަނީ

''އިން ފަހަނަ އެޅި އިޝްޤު''ގެ ވާހަކައެއް ކިޔައިދޭ ދިވެހި ފިލްމު ''ހެހެސް'' ފިލްމް ލޯންޗް ކޮށްފިއެވެ.

ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނާއި ގުޅިގެން އުފައްދާ ''ހެހެސް''އާއި ގުޅޭ މައުލޫމާތު ''ދެން''އާއި ހިއްސާކުރަމުން ފިލްމްގެ އެއް ޕްރޮޑިއުސަރ އިސްމާއީލް ޝަފީޤު ބުނީ މި ފިލްމަކީ ގިނަ ތަރިން ހިމެނޭ ފިލްމެއް ކަމަށާއި ބެލުންތެރިން ހިތްހަމަ ޖެހޭ ފަދަ ފިލްމަކަށް މިފިލްމް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރ އަޙްމަދު ނިމާލެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ) ، އިބްރާހީމް ޖިހާދު (ޖިމީ) އަދި އަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހީމް (އިރޫ)، މަރިޔަމް ޝިފާ، ވަޝިޔާ މުޙައްމަދު ގެ އިތުރުން އާއިޝަތު ލަހުފާ (ލަހޫ)ގެ މުހިންމު ބައިތަކެއް ފިލްމްގައި ހިމެނެއެވެ. ހަމައެއާއެކު ފީޗާރ ފިލްމްތަކަށް އަލަށް ތަޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ)ގެ އެކްޓިންގ އަށް އިންސާފުކޮށްލަން ވެސް މިއީ މުހިންމު ފިލްމެކެވެ.

ފިލްމްގެ ޝޫޓިންތައް ނެގުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫގެ އިތުރުން މާލޭގައެވެ. ފިލްމްގެ ލަވަތައް ކިޔައިދީފައިވަނީ މުޙައްމަދު ޢަބުދުލްޣަނީ (ތޭރަ)ގެ އިތުރުން މަރިޔަމް އަޝްފާ އާއި ޙަސަން ތޮލާގު (ތޮލާ) އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!