18 އަހަރުން ދަށަށް ވަޅި ވިއްކުން މަނާ

އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވަޅި ވިއްކުމަކީ މަނާ ކަމެއް ކަމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ހަނދާންކޮށް ދީފު ވެ.
އެ ސެންޓަރުން މިކަން ހަނދާންކޮށް ދީފައި މި ވަނީ 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" އަށް ރައްޔިތުން އަހުލުވެރިކުރުވުުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދު ވަނީ ޢަމަލުކުރަން ފަށައިފަ އެވެ.
ކުޑަ ކުއްޖަކަށް ވަޅި ވިއްކައިފިނަމަ ޤާނޫނުގެ 37 ވަނަ މާއްދާގެ ( ހ) އަދި (ށ) ގެ ދަށުން 20،000-100،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
"ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދާއިރު ޤާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައި ކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ، އެ ގާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި މައުލޫމާތު އަންނަނީ ހިއްސާކުރަމުންނެވެ.
އަދި ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާ އިރު، ވިޔަފާރިވެރިން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި ޚާއްސަކޮށް ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫން ވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާ ކަމެއް ކަމެއް ފުލުހުން ބުނެ ދީފައިވެ އެވެ.
