ޚަބަރު

ޕީޕީއެމުން އިންތިހާބުގައި ވާދަ ނުކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ވާދަނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދ. މީދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގެންވާނެ ކަމަށާއި ޕީޕީއެމުން މި އިންތިހާބުގައި ވާދަ ނުކުރުމަކީ އެ މަނިކުފާނު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ވާދަވެރި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކެނޑިޑޭޓެއް ކަނޑަނޭޅި އޮތުމަކީ، އެ ޕާޓީގެ މެންބަރުންނަށާއި، މުޅި ދިވެހި ގައުމަށްވެސް ލިބިގެންދާ ދެރައެއް ކަމަށާއި އިންތިހާބު ބޮއިކޮޓު ކުރަން މަސައްކަތްކުރަނީ ވަކި މީހެއްގެ މަސްލަހަތަށްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވަނީ ވަކި މީހެއްގެ ފަހަތުގައި ނޭބުރި ކެނޑިޑޭޓަކު ނެރުމަށާއި ޕީޕީއެމްއަށް ތާއީދުކުރާ މެންބަރުން މަގުމަތި ނުކުރުމަށް އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެފައިވާ އިދިކޮޅު ލީޑަރު، ރައީސް ޔާމީން ވަނީ އިއްޔެ ޕީޕީއެމްއަށް އިންތިޚާބު ބޮއިކަޓް ކުރަން ލަފައެއް އަރުވާފައެވެ. ނަމަވެސް އިދިކޮޅު ސެނެޓުން ނިންމާފައިވަނީ ލަފާ ޤަބޫލުނުކޮށް, އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓް, މާލޭ ސިޓީ މޭޔަރު މުއިއްޒު ނެރޭށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!