ކޮވިޑް-19އާ ގުޅިގެން އިންތިހާބު ފަސްކުރަން އެމްޑީޕީ ބައެއް މެންބަރުން ތާއީދުނުކުރެއްވި
ކޮވިޑް-19އާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި އިޞްލާޙަށް ބަޙުސް ކުރައްވަމުން އިނގުރައިދޫ ދާއިރާ މެންބަރު ޙަސަން އަޙްމަދު ވިދާޅުވެފައިވަނީ އިންތިޚާބު ބާއްވަންޖެހޭ ތާރީޚުގައި އިންތިޚާބު ނުބާއްވައި ފަސްކޮށްފިނަމަ، ރާއްޖެއަށް ހަމެޖެހުން ލިބިގެން ނުދާނެ ކަމުގައެވެ. އަދި ޑިމޮކްރެޓިކް އިންތިޚާބެއް ފަސްކުރުމަކީ ޤައުމަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުުރަށް ވިދާޅުވީ ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު އިންތިޚާބު ލަސްކުރަން ޖެހޭ ހަމަ އެއްވެސް ސަބަބެއް އޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައެވެ. އަދި އިންތިޚާބު ނިންމައި ޤައުމަށް ހަމަޖެހުން ގެންނަންވީ ކަމުގައިވެސް ޙަސަންޓޭ ވިދާޅުވިއެވެ.
ޙަސަންޓޭގެ އިތުރުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާނުވެސް ވަނީ ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް ގޮވައިލައްވާފައެވެ. އިންތިޚާބު ލަސްކުރަން ބޭނުންވަނީ އިދިކޮޅު ފަރާތްތަކުން ކަމުގައާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވަނީ އިންތިޚާބު ފަސްކުރުމަކީ އޭގެ ނުރައްކާ މުޅި ޤައުމަށް ކުރިމަތިވާނެ އެކަމުގެ ސަބަބުން މިބަލިމަޑުކަން މުޅި ޤައުމުގައި ފެތުރުމަށް މެދުވެރިވާނެ ސަބަބެއް ކަމުގައި ވިދާޅުވެފައެވެ.
ކަނޑިތީމު ދާރިއާގެ މެންބަރު ޢަބްދުﷲ ޝަހީމު ވާހަކަފުޅު ފެއްޓެވީވެސް އޭޕްރީލް 4 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ގޮވައިލައްވަމުންނެވެ. އަދި ޤައުމަށް އޮތް ހަމައެކަނި ރަނގަޅު ގޮތަކީ އިންތިޚާބު ފަސްނުކޮށް ބާއްވަން ކަނޑައެޅިފައިވާ ދުވަހު އިންތިޚާބު ބާއްވައި ނިންމުން ކަމުގައި އޭނާ ވިދާޅުވިއެވެ.