ދުނިޔެ

ޗައިނާގެ އިރުއުތުރުގައި ފެންބޮޑުވެ 14 މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އިރުއުތުރުގައިވާ ޖީލީން ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ޝޫލަނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 14 މީހުން މަރުވެއްޖެއެވެ. ޝޫލަނަށް ބޯކޮށް ވާރޭވެހެމުން ދަނީ އިރުމަތީ އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ތުކްސުރީގެ ސަބަބުންނެވެ. މި ތޫފާނާ އެކު ޗައިނާގެ އެކި ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ވާރޭވެހެމުންދާއިރު، އާދަޔާ ޚިލާފަށް ވައިބާރުވުމާ ގުޅިގެން ވެސް ޢާންމުންގެ ގެދޮރާއި މުދަލާއި ޢުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Ads by WAMCO

ތޫފާން ތުކްސުރީގެ އަސަރު މިހާރު އެންމެ ބޮޑަށް ކުރަމުން ދަނީ ޖީލީން ޕުރޮވިންސުގެ އިތުރުން ވެރިރަށް ބެއިޖިންގާއި އުތުރުގައިވާ ހަރބެއި ޕުރޮވިންސުގެ ސަރަޙައްދުތަކަށެވެ. މި ތޫފާނުގައި ބެއިޖިންގާއި ހަރބެއި ޕުރޮވިންސުން ހުސްވި ހަފުތާގައި އިތުރު 20 މީހުން މަރުވެފައިވާއިރު، މި ތޫފާނާ ގުޅިގެން މިހާތަނަށް މަރުވެފައިވާ މީހުންގެ ޖުމުލަ ޢަދަދު ޗައިނާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ތުކްސުރީ ޗައިނާގެ ދެކުނުގައިވާ ފޫޖިއަން ޕުރޮވިންސުގެ ސަރަޙައްދުތަކަށް އަރާފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުދިންނެވެ.

ޝޫލަނަކީ 587,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުން މަރުވެފައިވާ 14 މީހުންގެ ތެރޭގައި އެ ރަށުގެ ތިން އޮފިޝަލެއް ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޝޫލަންގައި ފެންބޮޑުވުމާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި، އަމިއްލަ ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ތޫފާނާ އެކު ޝޫލަންގައި ކަރަންޓުގެ ޚިދުމަތް ދޭން ބޭނުންކުރާ ޓަވަރުތަކަށް ގެއްލުންވެ، 14,305 އަށްވުރެ ގިނަ ގޭބީސީއަކުން ޚިދުމަތް މެދުކެނޑިފައިވާއިރު، އެ ގެތަކަށް އަލުން ޚިދުމަތް ގުޅައިދިނުމަށް ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ތޫފާނާ އެކު ބޯކޮށް ވާރޭވެހި އެ ސަރަޙައްދުން ދަތުރުކުރާ އެންމެ ބޮޑު ކޯރު ކަމުގައިވާ ސޮންގްހުވާގެ އިތުރުން ނެންޖިއަންގ ކޯރު ފުރިގެން ބަންޑުންވެދާނެ ކަމުގެ އިންޒާރު އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކޮށްފައެވެ.

ބެއިޖިންގާއި ހަރބެއިގެ ބޮޑު ސަރަޙައްދަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. ފެންބޮޑުވުމާ ގުޅިގެން ހަރބެއި ޕުރޮވިންސުން ގެއްލިފައިވާ ކަމަށް ބެލެވޭ 18 މީހަކު ހޯދަން އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ގެދޮރުގައި ތާށިވެފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ފެންބޮޑުވުމާ ގުޅިގެން ހަރބެއި ޕުރޮވިންސުގައި ދިރިއުޅޭ 11.5 މިލިޔަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ތޫފާން ތުކްސުރީއަކީ ފާއިތުވި 140 ވަރަކަށް އަހަރުގެ ތެރޭގައި ޗައިނާގެ ސަރަޙައްދުތަކަށް އަރާފައިވާ އެންމެ ފަނާކުރަނިވި އެއް ތޫފާނެވެ. އަދި، 2016 ވަނަ އަހަރަށް ފަހު އެ ޤައުމަށް އަރާފައިވާ ދެވަނައަށް އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ހަރބެއި ޕުރޮވިންސަށެވެ. ފެންބޮޑުވުމާ ގުޅިގެން އެ ޕުރޮވިންސުގައި ގިނަ ޢަދަދެއްގެ ގެދޮރު ވެއްޓިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ޗައިނާގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ހުސްވި ޖުލައި މަހު އެކަނިވެސް 142 މީހުން މަރުވެފައި، ނުވަތަ ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ކުއްލި ހާލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. ފާއިތުވި ދެ ތިން މަހެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ އާދަޔާ ޚިލާފަށް މޫސުން ގޯސްވެފައެވެ. ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، ބައެއް އެހެން ޤައުމުތަކުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލި، ހޫނުގެ ތޫފާންތަކާ ވަނީ ކުރިމަތިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!