ކެންޕެއިނަށް އިލްޔާސާއި ރައީސް ނަޝީދު ފުވައްމުލަކަށް
ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ނަޝީދާއި އިލްޔާސް ފުވައްމުލަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ ސިޓީގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކެމްޕެއިންގައި އިލްޔާސާއި ނަޝީދު މީގެކުރިން ވަނީ އައްޑޫ ސިޓީ އާއި ދ އަދި ތ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
އިލްޔާސްގެ ކެމްޕޭނުގެ ތެރެއިން ޑިމޮކްރެޓްސްއިން އަންނަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގާ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ޕާޓީގެ އެކި ސިޔާސަތުތައް އިއުލާނުކޮށް އެ ސިޔާސަތުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ވާދަކުރައްވާއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.