ރައީީސް ޞާލިޙަށް ކެމްޕެއިން ކުރުމުގެ ޙައްޤު އޮންނަ ފަދައިން، އިޙްތިޖާޖު ކުރުމަކީ ވެސް ޙައްޤެއް: އީވާ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެމްޕެއިން ކުރުމުގެ ޙައްޤު އޮންނަ ފަދައިން، އިޙްތިޖާޖު ކުރުމަކީ ވެސް ޙައްޤެއް ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، ދ.ކުޑަހުވަދޫގައި އަމިއްލަ ގޭގައި ހުންނަވައި، ސަރުކާރާއި ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި "ދަ ޑިމޮކްރެޓްސް"ގެ ކައުންސިލް މެމްބަރު އަޙްމަދު މަޢުރޫފު ހައްޔަރު ކުރި މައްސަލައިގައި ސަރުކާރަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
އީވާ ސިފަ ކުރެއްވި ގޮތުގައި، އަމިއްލަ ގޯތިތެރޭގައި ކުރަމުންދިޔަ އިޙުތިޖާޖުން، ހައްޔަރު ކުރުމަކީ މުޑުދާރު، ފިނޑި ޢަމަލެކެވެ.
މަޢުރޫފު ހައްޔަރު ކުރި މައްސަލަ ޑިމޮކްރެޓްސްއިން ވެސް ވަނީ ކުށްވެރި ކޮށްފައެވެ.
ރައީސް ޞާލިޙު ބައެއް ރަށްތަކަށް ވަޑައިގަތުމުން، އެރަށްރަށުގެ އިދިކޮޅު ސަޕޯޓަރުން އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލައެވެ. ފުލުހުން ފޮނުވައިގެން، މިފަދަ ހަރަކާތްތަކަށް ހުރަސް އަޅާތީ، ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.