ޚަބަރު

ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވުމަކީ މި އަހަރު ފަށަން ރާވާފައި އޮތް ކަމެއް: އަމްރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑްރޯން ބޭނުންކޮށްގެން ބޭހާއި ލެބޯޓްރީ ސްޕްލައި މުޅި ރާއްޖެއަށް ފޮނުވުމަކީ މި އަހަރު ފަށަން ރާވާފައި އޮތް ކަމެއް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންސްޓަގްރާމްގައި ޖެނުއަރީ މަހު ކޮށްފައިވާ ޕޯސްޓެއް ޓްވީޓު ކުރައްވަމުން އަމްރު ވިދާޅުވީ ޑްރޯންއާ ގުޅޭގޮތުން 2022 ވަނަ އަހަރު ޕްލޭން ހަދާ، ޑްރޯން ހެދުމަށްފަހު ޕްލޭނާއި ޓެކްނިކަލް ކަންތައްތައް ސަރުކާރުގެ އެކި ފަރާތްތަކާ ހިއްސާ ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ވެސް ވައުދެއް ތޯ އަމްރު ވަނީ ސުވާލުކޮށްފައެވެ.

“ޑްރޯން އިން ބޭހާއި ލެބޯޓްރީ ސަޕްލައިސް މުޅި ރާއްޖެއަށް ފޮނުވުމަކީ މި އަހަރު ފަށަން ރާވާފައި އޮތް ކަމެއް. މިއީ 12 ޖެނުއަރީގައި އިންސްޓަގްރާމްގައި ކުރި ޕޯސްޓެއް. 2022 ވަނަ އަހަރު ޕްލޭން ހަދާ، ޑްރޯން ހަދާ، ޕްލޭނާއި ޓްކެނިކަލް ކަންކަން ސަރުކާރުގެ އެކި ފަރާތްތަކާ ހިއްސާކުރެވިފަ ވަނީ. މިއީވެސް ވައުދެއްތޯ؟” އަމްރު ވިދާޅުވިއެވެ.

އަމްރު މިފަދައިން ވިދާޅުވީ އެމްޑީޕީގެ އާ ސަރުކާރެއްގައި، ޑްރޯން ބޭނުންކޮށްގެން ރަށްރަށުގެ ލެބޯޓަރީތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯގައި ބައިވެރިވުމަށްފަހު ޖެނުއަރީ މަހު އަމްރު ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ޒަމާނީ ޓެކްނޮލޮޖީ ދައްކާ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޓެކް ފެއާ ކަމަށެވެ.

އަދި އެ ފެއާއިން ރާއްޖެ ފަދަ ޤައުމަކަށް، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ރަނގަޅުކުރުމާއި، ކަނޑުމަތީގައި ފުރާނަ ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ވަސީލަތްތައް ރަނގަޅުކުރުމާއި، ތިމާވެށި ޙިމާޔަތްކުރުމަށް އެހީތެރިވެދޭ އާ ޑިވައިސްތައް ފަދަ، ރާއްޖެފަދަ ޤައުމަކަށް ނުހަނު ބޭނުންތެރި،  ގިނަ އީޖާދީ އުފެއްދުންތައް ބަލައި، އޮޅުންފިލުވުމުގެ ފުރުޞަތު ލިބިގެންދިޔަ ކަމަށެވެ.

“ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، މިކަމުގެ ސަބަބުން ޒުވާނުންނަށް އެހީވެވޭނެ ގޮތްތައް ބެލުމަކީ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން” އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!