ޚަބަރު ސިޔާސީ

ފްލެޓު ލިސްޓުގައި ހިމެނޭ އެންމެންނަށް ދޭވަރަށް ފްލެޓު ނެތްކަން ރައީސް ހާމަކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަނީ

މާލެ ސަރަހައްދުން ފްލެޓަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ލިބޭނެކަން އިއުލާން ކުރިނަމަވެސް އެ އެންމެންނަށް ދެވޭވަރަށް ފްލެޓު އެޅިފައި ނެތްކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހާމަކުރައްވައިފި އެވެ.

Ads by Hajj Corporation

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވައިލުމުން 20،600 އަށްވުރެއް ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 14،400 މީހުން ތިން ކޮޓަރީގެ އެޕާޓްމެންޓަށް ކުރިމަތިލިއިރު، 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.

ރިޔާސީ ކެމްޕެއިންގައި ގދ. ނަޑެއްލާއަށް ވަޑައިގެން ފްލެޓު ލިސްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވާ 13،000 އަށްވުރެއް ގިނަ މީހުން އެބަ ތިބިކަމަށެވެ. އެހެންކަމުން ސަރުކާރުން ނިންމީ އެ އެންމެންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތަކުން އެންމެންނަށް ބޯހިޔާވަހިކަން ނުދެވޭނެކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ޝަރުތު ހަމަވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ އިތުރު ފްލެޓުތައް މާލެ ސަރަހައްދުގައި އަޅައިގެން ކަމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި ހުޅުމާލޭގައި މިހާރު ކުރިއަށް ދަނީ 8،000 ފްލެޓެއްގެ މަސައްކަތެވެ. އޭގެ ތެރެއިން 4،000 ފްލެޓް ހަދަން ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ އަދި އެންބީސީސީ އަށެވެ. އެއިން ކޮންމެ ކުންފުންޏަކަށް 2،000 ފްލެޓް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި ވަނީ ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.

އޭގެ ބާކީ 4،000 ފްލެޓު އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިިދިޔަ ބުދަ ދުވަހު އަނެއްކާ ވެސް ވަނީ އިންޑިއާގެ އިތުރު ކުންފުންޏަކާ އެކު ސޮއިކޮށްފަ އެވެ. ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 2.5 ބިލިއަން ރުފިޔާ އަށެވެ.

ރައީސް ޞާލިހުގެ މި ދައުރުގެ ތެރޭގައި އެއްވެސް ފްލެޓެއް ނިންމައި ރައްޔިތުންނަށް ވަދެވޭވަރު ވާނެކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން ޝަރުތު ހަމަވާ އެއްވެސް މީހަކަށް ފްލެޓަށް ވަދެވޭނީ ދެން އަންނަ ސަރުކާރެއްގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!