ސިޔާސީ ކަމެއްގައި ސަރުކާރާއި އެކު މަޝްވަރާ ކުރާނީ ޔާމީން މިނިވަންކުރުމުން: އާދަމް ޝަރީފް
ސިޔާސީ ކަމެއްގައި ސަރުކާރާއެކު މަޝްވަރާ ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ އެއްބާރުލުން ސަރުކާރަށް ދިނުމަށް އެ ދެޕާޓީން ނިންމާފައިވާކަމަށާއި ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން ސަރުކާރުން އަދި އިދިކޮޅު ފަރާތްތަކާއި މަޝްވަރާކޮށްފައިނުވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އިންތިހާބު ފަސްކުރުމަކީ އެއީ ސިޔާސީ މަސައްކަތެއްކަމަށް އަޅުގަނޑުމެން ބަލަނީ. އަދި ސިޔާސީ އެއްވެސް ކަމެއްގައި އަޅުގަނޑުމެން ސަރުކާރާއި އެއްކޮށް މަޝްވަރާކުރުމަށްދާނީ ރައީސް ޔާމީން މިނިވަންކުރުމަށް ފަހުގައި ކަމަށް އަޅުގަނޑުމެން ނިންމާފަ އޮތީ." އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެމްބަރުން ވަނީ އިންތިހާބު ފަސްކުރުމަށް ދެކޮޅުހައްދަވާ ވާހަކަ ދައްކަވާފައެވެ.