މުއިއްޒުގެ ހައްލު: ބޮޑު ޗުއްޓީގެ އިތުރުން, އަހަރު މެދުތެރެއިން އެއްމަހުގެ ޗުއްޓީއެއް
ސްކޫލް ޗުއްޓީއެއް އަހަރު މެދުތެރެއިން ވެސް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަނެއްކާވެސް ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ރޭ ވިދާޅުވުމުން އެކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ނުރުހުން ވަނީ އަމާޒުވެގެން ގޮސްފައެވެ.
ފ. ނިލަންދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރި ނަމަވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އާއިލާތަކަށް އެއްވެސް ގެއްލުމެއް ނުދޭނެ ކަމަށާއި އެގޮތުން އަހަރުގެ މެދުތެރެއިން ހަތަރު ހަފްތާގެ ޗުއްޓީއެއް ސްކޫލް ދަރިވަރުންނަށް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ.
"އަހަރުގެ މެދުތެރޭގައި ހަތަރު ހަފްތާގެ ސްކޫލް ބަންދެއް އަޅުގަނޑުމެން ހަމަޖައްސާނެ ވާހަކަ. ހަތަރު ހަފްތާ ލިބޭނެ ޖޫން/ޖުލައިގެ ތެރޭގައި. ހަތަރު ހަފްތާ ހިމެނޭ ސްކޫލް ޗުއްޓީއެއް އަހަރު މެދުތެރެއިން ވެސް ލިބިގެންދާނެ، އަހަރުގެ ފަހުކޮޅު އޮންނަ ބޮޑު ބަންދުގެ އިތުރަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިގޮތަށް ހަމަޖެއްސުމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެ ފަރާތްތަކުގެ އާއިލާއާއެކީގައި ވަގުތު ހޭދަކުރަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސީ ކަމާއި ގުޅުންހުރި ދާއިރާތަކުގައި އިސްކޮށް އުޅޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.