ހުޅުމާލޭގައި 10 ބުރިޔަށް އިމާރާތް ކުރެވޭ ގޮތަށް ހަދައިފި
ހުޅުމާލޭގައި އާއްމުން ދިރިއުޅޭ ގެތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ގެނެސްފި އެވެ.
ހުޅުމާލޭގައި ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން އިމާރާތް ކުރެވެނީ ޓެރަސް އާއި އެކު ހަތް ފަންގިފިލާ އަށެވެ.
އާބަންކޯ އިން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ އުސޫލު ބަދަލުކޮށް، 10 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މިބަދަލާ އެކު 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެ އެވެ.
މީގެ އިތުރުން ޕާކިންގެ އާ ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހެ އެވެ. އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް އެއް ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހެ އެވެ. އަދި ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 0.8 އަކާއި ދެ މީޓަރެވެ. އަދި ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 އަކާއި 4.8 މީޓަރެވެ.
ގަވައިދަށް ބަދަލު ގެނައުމަށް އާބަންކޯ އިން ނިންމާފައިވަނީ މާލެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.