ދުނިޔެ

ޕާކިސްތާނުގައި ފެންބޮޑުވެ 100,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އިރުމަތީގައި އޮންނަ ޕަންޖާބް ޕުރޮވިންސުގެ ތެރެއިން ދަތުރުކުރާ ސަތްލޫޖް ކޯރު ފުރިގެން ބަންޑުންވުމާ ގުޅިގެން ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ 100,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. އެ ސަރަޙައްދުގެ ގިނަ އަވަށްތަކެއްގައި ފެންބޮޑުވެފައިވާއިރު، ބައެއް ހިސާބުތަކުގައި ގެދޮރުގެ ފުރާޅާ ހަމައަށް ފެންގަނޑު ބޮޑުވެފައިވާ ކަމުގައި ޕަންޖާބްގެ އޮފިޝަލުން ވިދާޅުވެއެވެ.

Ads by Sosun Fihaara

ފެންބޮޑުވުމާ ގުޅިގެން އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ އެ މީހުންގެ ގެދޮރުގައި ތާށިވެފައެވެ. އަދި، އެ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ ކުދި ބޯޓުފަހަރާއި ޑިންގީ ފަދަ އުޅަނދުފަހަރު ބޭނުންކޮށްގެން މަސައްކަތް ކުރަމުންނެވެ. ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތްކޮށްފައި ވަނީ އެ މީހުންގެ ގެދޮރުގެ ފުރާޅުންނެވެ.

ބައެއް ސަރަޙައްދުތަކުގައި ހަ ފޫޓަށްވުރެ މައްޗަށް ފެންގަނޑު ބޮޑުވެފައިވާއިރު، ގެދޮރާއި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ދުއްވާ އުޅަނދުފަހަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޕަންޖާބްގެ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ތަރުޖަމާނު ފާރޫޤް އަޙްމަދު ވިދާޅުވީ މިހާރު ވެސް 100,000 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި، އިތުރު މީހުން ސަލާމަތްކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޕަންޖާބް ޕުރޮވިންސުގެ ޗީފް މިނިސްޓަރުގެ މަޤާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުޙްސިން ނަޤްވީ ވިދާޅުވީ ސަތްލޫޖް ކޯރު ފުރިގެން ބަންޑުންވެފައި ވަނީ އިންޑިޔާގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ރިޒަރވިޔަރތަކުގައި ބޮޑުވެފައިވާ ފެންގަނޑު ކޯރަށް ދޫކޮށްލުމާ ގުޅިގެން ކަމުގައެވެ. އެއާ އެކު ސަތްލޫޖް ކޯރުގެ ފުރިގެން ބަންޑުންވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޖުލައި މަހުން ފެށިގެން އިންޑިޔާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހިނގާފައިވާ އެކި ހާދިސާތަކުގައި މިހާތަނަށް 150 އެއްހާ މީހުން ވަނީ މަރުވެފައެވެ. ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނުގެ ސަރަޙައްދުތަކަށް ވެސް ބޯކޮށް ވާރޭވެހެމުންދާއިރު، ފެންބޮޑުވުމާ ގުޅިގެން ހިނގާފައިވާ އެކި ހާދިސާތަކުގައި އެ ޤައުމުން ވެސް ވަނީ 175 މީހުން މަރުވެފައެވެ.

ޕާކިސްތާނުގެ ތިމާވެއްޓާއި ފެނުގެ ދާއިރާގެ މާހިރެއް ކަމުގައިވާ ޢަލީ ތައުޤީރު ޝައިޚް ވިދާޅުވީ ރިޒަރވިޔަރގައި ބޮޑުވެފައިވާ ފެންގަނޑު އިންޑިޔާއިން ސަތްލޫޖް ކޯރަށް ދޫކޮށްލާފައި ވަނީ މީހުންގެ ފުރާނައަށް ނުރައްކާ ކުރުމުގެ ނިޔަތުގައި ނޫން ކަމުގައެވެ. އަދި، އިންޑިޔާއިން އެ ގޮތަށް އަމަލުކޮށްފައި ވަނީ އެ ނޫން ގޮތެއް ނެތިގެން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަތްލޫޖް ކޯރު ފުރިގެން ބަންޑުންވެދާނެ ކަމުގެ އިންޒާރު އެ ސަރަޙައްދުގެ ރައްޔިތުންނަށް ކުރިއާލާ ދީފައިވާ ކަމުގައެވެ. އަދި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިރުޝާދު ދީފައިވާނެ ކަމުގައެވެ. މިއީ، ދެ ޤައުމަށް ވެސް ކުރިމަތިވެފައިވާ ޤުދުރަތީ ކާރިސާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހޫނު މޫސުމަކީ ދެކުނު އޭޝިޔާގެ ޤައުމުތަކަށް އެންމެ ބޯކޮށް ވާރޭވެހޭ މޫސުމެވެ. އެ ޤައުމުތަކަށް އަހަރެއްގެ މައްޗަށް ވާރޭވެހޭ މިންވަރުގެ 70 އާއި 80 އިންސައްތަ ވާރޭވެހެނީ ޖޫނާއި ސެޕްޓެންބަރު މަހާ ދެމެދެވެ. ވިއްސާރާ މޫސުމަކީ އެ ސަރަޙައްދުގެ ޤައުމުތަކުގެ ދަނޑުވެރިކަމަށް މުހިންމު މޫސުމެކެވެ. އަދި، 2 ބިލިޔަނެއްހާ މީހުން ދިރިއުޅޭ ދެކުނު އޭޝިޔާ ސަރަޙައްދުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންތެރި މޫސުމެކެވެ.

ހުސްވި 2022 ވަނަ އަހަރު ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް، ޕަންޖާބް ޕުރޮވިންސަށް ބޮޑުވަރުވެފައި ނުވާ ކަން ފާހަގަކުރެވެއެވެ. އެ ޤައުމުގެ ސިންދް ޕުރޮވިންސާގައި ބަލޫޗިސްތާން ޕުރޮވިންސަށް އެ އަހަރުގެ ފެންބޮޑުވުމުގެ ލިބުނު ގެއްލުންތަކުން އަދިވެސް އަރައިގަނެވިފައި ނުވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެ އަހަރު ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,739 އަށް އަރައެވެ. އަދި، މި ވިއްސާރައިގެ އަސަރު 33 މިލިޔަނެއްހާ މީހުންނަށް ކޮށްފައިވާއިރު، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމަށް ލިބުނު ގެއްލުމުގެ އަގު 30 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!