ޚަބަރު ސިޔާސީ

ކޮވިޑުގައި ފުރާނަ އަތަށް ލައިގެން މީހުންނަށް ޚިދުމަތްކުރި އިރުވެސް ބަދަލުގައި ލިބުނީ ހިތްދަތިކަން: ޓެކްސީ ޑްރައިވަރުން

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޕީޕީއެމް

ކޮވިޑުގެ ވަބާގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެތައް ބަލިމީހުން ޓެކްސީތަކުގައި އުފުލި ޑްރައިވަރުންނަށް މިސަރުކާރުން ބަދަލުގައި ދިނީ ހިތްދަތިކަން ކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

Ads by Hajj Corporation

ޓެކްސީ ޑްރައިވަރުން މިހެން ބުނެފައިވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ހިއްސާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން، މިސަރުކާރުން ވެރިކަމަށް ވަޑައިގެންނެވިއިރު ވައުދުވީ އެއްވެސް ކަމެއް ޑްރައިވަރުންނަށް ވެފައި ނުވާކަން ފާހަގަކުރަމުން އެމީހުން ބުނީ ޓްރާސްޕޯޓް މިނިސްޓްރީ ތެރެއިން ޑްރައިވަރުންނާއިމެދު ޢަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

އަދި ޓެކްސީ ޑްރައިވަރުންނަކީވެސް އެތައް ޢާއިލާއެއް ބަލަހައްޓަމުންދާ ބަޔަކަށްވެފައި އެމީހުންނަކީ ޓެކްސީ ދުއްވައިގެން ލިބޭ ޢާމްދަނީން ދިރިއުޅޭ ބަޔަކަށްވާއިރު އެކަން މިނިސްޓްރީން ނުދެކުނު ކަމަށާއި ޚާއްސަކޮށް ކޯވިޑްގެ އުދަނގޫ ދަނޑިވަޅުގައި ބަލިމީހުން އުފުލުމަށް ޑްރައިވަރުން އަނބިދަރީންގެ ރައްކަލަށް ގެއަށް ނުވަދެ، ޓެކްސީގައި ނިދައިގެން އުޅެފައިވާއިރު ބަދަލުގައި މި ސަރުކާރުން ކޮށްދިން ހަމަ އެއްކަމެއްވެސް ނެތްކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް ޑްރައިވަރުން އަނބިދަރީން ލޮލަށް ނުފެނި، ޓެކްސީގައި ނިދައިގެން ބަލިމީހުން އުފުލަން ކޯވިޑްގައި އުޅުނު. ނެތޭ އިނގޭތޯ އަންގިއެއްވެސް ދިއްކޮށްލާފަ. ކުޑަމިނުން އަޅުގަނޑުމެން ފުރާނަ އަތްމައްޗަށް ލައިގެން ކުރި މަސައްކަތަށް ދިނީ ހިތްދަތިކަން" ޑްރައިވަރަކު ބުންޏެވެ.

މީގެ އިތުރުން، މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށާއި، ހަމައެއް ލަމައެއްނެތި ސްޓިކާ ޖެހުން މިހާރު ހައްދުން ނެއްޓިފައިވާއިރު މިކަންކަމަށްވެސް މިނިސްޓްރީއަށް ގެނެނުވުނު ހައްލެއް ނެތްކަމަށާއި މިސްކިތައް ނަމާދުކޮށްލަން ޓެކްސީން ފައިބައިން ނަމާދުކޮށްލާފަ އަންނަ އިރު އޮންނަނީ ސްޓިކާ ޖަހާފައިކަމަށާއި އެމީހުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވުމަށް ޑްރައިވަރުން ވަނީ މުއިއްޒުގެ ކިބައިން އެދިފައެވެ.

ޑްރައިވަރުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު މުއިއްޒު ވިދާޅުވީ، މާލޭގައި ކާރޫބާރު ބޮޑުވެ ޕާކިން މައްސަލައަށް ހައްލު ހޯއްދެވުމަށް މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އެ މަސައްކަތަށް މި ސަރުކާރުން އެއްބާރުލުން ދެއްވާފައިނުވާ ކަމަށެވެ.

އެހެންނަމަވެސް މުއިއްޒުއަށް ވެރިކަން ލިބިވަަޑައިގެންފި ނަމަ މާލެއާއި ހުޅުމާލޭގައި ޕާކިންއަށް އިމާރާތްތައް ހަދައި އެފަދަ ބިލްޑިންތަކުގައި ކޮންމެ މީހަކަށް ވެސް ޕާކިން ސްލޮޓެއް ހާއްސަކޮށް އެމީހަކަށް އެ ސްލޮޓް ރަޖިސްޓްރީ ކޮށްދޭނެ ކަމަށާއި ކާރުގެ ގަރާޖުގެ ހުއްދަ ވެސް އެތަނުން ހަމަޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވަނީ ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލު ގެންނަވާނެ ގޮތްތައް ހިއްސާކުރައްވައި، ޑްރައިވަރުން ކުރާ މަސައްކަތަކީ ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، ޤާނޫނުތަކާއި ގަވާއިދުގެ ތެރެއިން ހަމަޖެހެންޖެހޭ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އަދި ވެރިކަން ލިބުނަސް ޓެކްސީ ޑްރައިވަރުންނާއި ބައްދަލުވެ ވާހަކަ ދައްކަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!