2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ދިވެހި ރާއްޖެއިން ހައްޖަށް ދިއުމަށް ލިބޭ ކޯޓާގެ އަދަދު 2000 އިތުރުކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގައި އޮތް ބެކްލޮގުތައް ސާފު ކުރާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމެއްގެ ގޮތުގައި ހައްޖު ކޯޓާ 2000އަށް އިތުރުކުރުމަށް ސައުދީ ސަރުކާރާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހާރު ހައްޖު ކޯޕަރޭޝަންގައި ހައްޖަށް ދިއުމަށް އެދިފައި ތިބި މީހުންގެ ބެކްލޮގު ވެސް ވެރިކަން ލިބޭތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފިލުވައި ދޭނެ ކަމަށެވެ. އަދި ސައުދީ ރަސްގެފާނާއި އެގައުމުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި ކަމަށާއި އެގުޅުން އެގޮތުގައި ދަމަހައްޓަވާނެ ކަމަށެވެ.
"އެމަނިކުފާނުގެ އޮތް ގާތްގުޅުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތުގެ އެހީތެރިކަމާއެކު އަޅުގަނޑަށް ހަމަ ޔަގީން ކިންގް ސަލްމާން އަޅުގަނޑުމެންގެ ގައުމާމެދު މި އޮންނަ ގާތްގުޅުމާއެކު މަސައްކަތްކޮށްފިނަމަ އަޅުގަނޑަށް ހަމަ ޔަގީން މި ކަން ހާސިލުކުރެވޭނެކަން،" މުއިއްޒު ވިދާޅުވިއެވެ.
ހައްޖަށް ދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، މުއިއްޒު ވިދާޅުވި ގޮތުގައި އަގުތަކާއި ފީ ބޮޑުވުމެވެ. އެހެންނަމަވެސް ހައްޖު ކޯޕަރޭޝަނުގެ އެތެރޭގެ ކަންކަން ހަރުދަނާކޮށް، މާލީ ގޮތުން ގާބިލު ކުންފުންޏަކަށް ހަދައި އަގު ކުޑަ ކުރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.