ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކުގެ އިތުބާރު އަލުން ހޯދައި އިންވެސްޓުމެންޓުތައް އިތުރުކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅުގައި މިރޭ ކުރިއަށް ގެންދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިނިމިގެންދާ ފަސް އަހަރުގެ ތެރޭގައި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލިފައިވާ ކަމަށެވެ. މިސާލު ނަންގަވަމުން މުއިއްޒު ވަނީ މި ސަރުކާރުން 30 ރަށް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާން ކުރުމުން އެއްވެސް ވަރެއްގެ ތަރުހީބެއް ލިބިފައިވާނުވާކަމަށް ވިދާޅުވެފަ އެވެ.
މުއިއްޒު ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ހޯދަން ކުރަންޖެހުނު ކޮންމެ މަސައްކަތެއް އަންނަ ރިޔާސީ ދައުރުގައި ކުރައްވާނެ ކަމަށާއި ބޭރުގެ ގިނަ ފަރާތްތަކެއް އަންނަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓު ކުރާނެކަމަށެވެ. މީގެ ސަބަބުން ފަތުރުވެރިކަން އިތުރަށް ކުރިއަރައި މިދާއިރާގައި މަސައްކަތްކުރާ ރައްޔިތުންނަށް މާލީ މަންފާ ލިބޭނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ލ. އަތޮޅުގައި ފަތުރުވެރިކަން މިހާރަށްވުރެއް ބޮޑަށް ކުރިއަރުވަން ޖެހޭކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ވިދާޅުވި އެވެ. ލ. ފޮނަދޫއާއި އެއަތޮޅު ގާދޫއާއި ދެމެދުން ބިމެއް ހިއްކައި ރިޒޯޓެއް ތަރައްގީ ކުރަން މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
ފަތުރުވެރިކަމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދަން ފެށި އެއާޕޯޓު މިސަރުކާރަށް ނުނިންމުނު ނަމަވެސް މުއިއްޒުގެ ސަރުކާރެއްގައި އެއާޕޯޓު މަޝްރޫއު ނިންމައި ހިދުމަތް ދޭން ފަށާނެކަމަށް ފާހަގަކުރެއްވި އެވެ.
މިހާރު ރާއްޖޭގެ އިގްތިޞާދު ކޮޅަށް ނަގަން ޖެހިފައިވަނީ ސުމަކުން ނޫންކަމަށާއި މައިނަސްއިން ކަމަށް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ހާލަތު ޑރ. މުއިއްޒު ސިފަކުރެއްވި އެވެ. އެހެންކަމުން މީގެ 8 ދުވަސް ފަހުން ރައްޔިތުން ގޮތެއް ނިންމަން މުއިއްޒު އެެދިވަޑައިގެންނެވި އެވެ.