ޚަބަރު

ގުރައިދޫގައި އެއާޕޯޓަކާއި، ހޮސްޕިޓަލެއް އެޅުމަށް މުޢިއްޒު ވަޢުދުވެވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތ.ގުރައިދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ ކެމްޕެއިނުގައި މިއަދު ތ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ އެއާޕޯޓަކީ އެރަށަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި އެކަން ހާސިލުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ، ސިއްހީ ދާއިރާ. ސިއްހީ ހިދުމަތްދޭން، މި ރަށުގައި ހަމައެކަނި ބޭނުންވަނީ ސިއްހީ މަރުކަޒެއް ނޫން ހުންނަން. ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ، ގާއިމުކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

ތ. އަތޮޅަށް ޓޫރިޒަމް މިހާރަށް ވުރެ ފުޅާކޮށް އަންނަންޖެހޭ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ޓޫރިޒަމް ތަރައްގީ ވުމަކީ އެ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިގްތިސާދީ ނަފާ ލިބި އަދި ރައްޔިތުން ފުދުންތެރި ބަޔަކަށް ވާނެ ކަމެއް ކަމަށެވެ.

އެގޮތުން ޓޫރިޒަމްގެ އެކި ކަހަލަ މަޝްރޫއުތައް ތ. އަތޮޅުގެ އެކި ރަށްތަކަށް ފައިދާވާ ގޮތަށް ކުރިއަށްގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އަދި ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!