ޚަބަރު

ރިޔާސީ ކެމްޕެއިން ނިންމަވައިލައްވަމުން މުޢިއްޒު އެދިވަޑައިގަތީ މިނިވަންކަން ދިފާޢު ކުރުމުގެ ވާޖިބު ހަނދާާން ކުރުމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މިއަދު ބޭއްވި ޕީޕީއެމް-ޕީއެންސީގެ ހިނގާލުމުގައި ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއިއެކުގައި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ިރިޔާސީ ކެމްޕެއިން މިރޭ ނިންމައިލައިފިއެވެ.

Ads by STELCO

މުޢިއްޒު އާއި ރަނިންމޭޓް، ޙުސައިން މުޙައްމަދު ލަތީފުގެ ރިޔާސީ ކެމްޕެއިން ނިންމައިލަން މިއަދު ހަވީރު، 3:45ގައި، އާޓިފިޝަލް ބީޗު ސަރަހައްދުގައި ވަނީ ބޮޑު ހިނގާލުމެއް ފަށައިފައެވެ.

މި ޙަރަކާތް ނިންމައިލީ، މުޢިއްޒުގެ ވާހަކަފުޅުންނެވެ.

ވެރިޔަކު އިންތިޚާބު ކުރުމުގެ ބާރު، ރައްޔިތުންގެ އަތްމައްޗަށް ލިބެނީ، ފަސް އަހަރުން އެންމެ ދުވަހެއްގައި ކަމަށާއި، ވޯޓު ލުމުގެ ޙައްޤު އަދާ ކުރުމަކީ ބޮޑު ޒިންމާއެއް ކަމަށެވެ.

"ވަރަށް ވަރުގަދަ ޒިންމާއެއް، މަސްއޫލިއްޔަތެއް، އެއީ އަޅުގަނޑުމެންގެ ތުއްތު ދަރިންނާއި، ޒުވާނުންނާއި، ކަނބަލުންނާއި، އިސްރަށްވެހިންނާއި، އެކި އެކި މަސައްކަތްތެރިންނާއި، އެންމެހާ އަފްރާދުންނާއި، ހުރިހާ ރައްޔިތުންގެ ޙައްޤުގައި، އަޅުގަނޑުމެން ނިންމަންޖެހޭ މުހިންމު ނިންމުމެއް، ނިންމަން ލިބޭ ފުރުސަތެއް." އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ ވޯޓުލާން ދާއިރު، ކޮންމެ ރައްޔިތަކު ވެސް، ތިމާ އަކީ ފަޚުރުވެރި ދިވެއްސެއްކަން ހަނދާންކޮށް، މުސްތަޤްބަލާއިމެދުގައި ވިސްނުމަށް ފަހުގައި ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ޤައުމީ ވިސްނުން އިސްކޮށް، ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމުގެ ވާޖިބު ހަނދާން ކުރުމަށް އެދިވައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!