ޚަބަރު

ޗައިނާއިން ރާއްޖެއައި ދިވެއްސަކު ކަރަންޓީން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން ފުރައިގެން އެނބުރި ރާއްޖެ އައި ދިވެއްސަކު ކަރަންޓީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން މިއަދު އެޗްޕީއޭއިން ވަނީ އިޓަލީ ވިލާތުގެ ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދެ ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކޮށްފައިވާ ކަމަށް ބުނެފައެވެ.

ވައިރަހާ ގުޅިގެން އިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައިވާއިރު، ސަރުކާރުން މީގެކުރިން ވަނީ އިރާނާއި، ބަންގްލަދޭޝް އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން މީހުން އައުން ވެސް މަނާކޮށްފައެވެ.

އަދި ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާވައިރަހަށް ރާއްޖެއިން ވަނީ އަށް ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި އަށް މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިނާއި ކުރަމަތި ރިސޯޓުގެ ދެ ބިދޭސީންނެވެ.

މީގެ އިތުރުން ތިން ރިސޯޓަކަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓް، ސޭންޑީޒް ބަތަލާ އައިލެންޑް އަދި ކުރަމަތި މޯލްޑިވްސް އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!