ޖީ20: އެފްރިކަން ޔޫނިއަން އަށް ދާއިމީ މެންބަރުކަން ދޭން ނިންމައިފި
އިންޑިއާގައި މިހާރު ކުރިއަށް ދާ ޖީ20 ގައުމުތަކުގެ ދާއިމީ މަންދޫބުގެ މަގާމު އެފްރިކަން ޔޫނިއަނަށް ދޭން އެ ޖަމާއަތުން ނިންމައިފިއެވެ.
މިއަދު ނިއުދިއްލީގައި ކުރިއަށްދާ ސަމިޓުގެ ރިޔާސަތުގައި އިންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ބައްދަލުވުން ފައްޓަވަމުން ވިދާޅުވީ، އެ ޖަމާއަތުގައި ހިމެނޭ ހުރިހަ ގައުމުތަކެއްގެ ރުހުމާއެކު އެފްރިކަން ޔޫނިއަނަށް ދާއިމީ މެންބަރުކަން ދީފައި ވާ ކަމަށެވެ.
55 މެންބަރު ގައުމު ހިމެނޭ އެފްރިކަން ޔޫނިއަނަށް ދާއިމީ މެންބަރުކަމުގެ ދަރަޖަ ލިބުމާއެކު ޔޫރަޕިއަން ޔޫނިއަން ފަދައިން އެފްރިކަން ޔޫނިއަނަކީ މިހާރު ފުރިހަމަ ބާރު ލިބިފައިވާ ބްލޮކެކެވެ. ނުވަތަ ބައްރެކެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ 20 އިގުތިސޯދުގެ ދާއިމީ މެންބަރުކަން އެފްރިކަން ޔޫނިއަނަށް ލިބުމާއެކު އެ ބްލޮކް ވެގެންދާނީ އެރްރިކާ، ބްރެޒީލް، ޗައިނާ، އިންޑިއާ އަދި ރަޝިއާ ގުޅިގެން އުފައްދާފައި ވާ ބްރިކްސް ފަދަ ބާރުގަދަ ޖަމާއަތަކަށެވެ.
ޖީ20 ގައި ހިމެނޭ މެންބަރުން؛
އާޖެންޓީނާ
އޮސްޓްރޭލިއާ
ބްރެޒީލް
ކެނެޑާ
ޗައިނާ
ފްރާންސް
ޖާމަނީ
އިންޑިއާ
އިންޑޮނީޝިއާ
އިޓަލީ
ޖަޕާން
މެކްސިކޯ
ރަޝިއާ
ސައުދީ އަރަބިއްޔާ
ސައުތު އެފްރިކާ
ސައުތު ކޮރެއާ
ތުރުކީ
ޔޫކޭ
ޔޫއެސްއޭ
އީޔޫ
އެފްރިކަން ޔޫނިއަން އެވެ.
ޖީ20 އަށް ގައުމުތަކުގެ ވެރިން ދިއްލީއަށް ވަޑައިގެންފައި ވާއިރު ރަޝިއާ އާއި ޗައިނާގެ ރައީސުން ވަޑައެއް ނުގަންނަވައެވެ. ރަޝިއާއިން ވަޑައިގަތީ ހާރިޖީ ވަޒީރު ސަރުޖޭ ލަވްރޯވްއެވެ. ޗައިނާއިން ވަޑައިގަތީ ޕްރިމިއާ ލީ ގިއަންގް އެވެ.
މި ބައްދަލުވުމަށް ރަޝިއާގެ ރައީސް ވަޑައިގެންފައި ނުވާ އިރު ޔޫކްރައިން ހަނގުރާމައާ ގުޅިގެން ރަޝިއާ ކުށްވެރި ކުރުމުގެ ރޫހެއް ޖީ20 ގެ ތެރޭގައި ވެސް ވަނީ އުފެދިފައެވެ.
ޖީ20ގެ ވެރިންގެ ބައްދަލުވުމުގެ ކުރިން 123 ސިޓީއެއްގައި އިސް މަންދޫބުންގެ ފެންވަރުގެ ގިނަ ބައްދަލުވުންތަކެއް ބާއްވާފައި ވާއިރު، ވެރިން ނިންމާނީ އެ ބައްދަލުވުންތަކުން ނިކުތް ނަތީޖާގެ މައްޗަށް އެކުލަވާލި ކަރުދާސްތަކުގައި ފާހަގަ ކޮށްފައި ވާ ކަންކަމާ ގުޅޭ ސިޔާސަތުތަކެވެ. އެގޮތުން ދުނިޔެ ހޫނުވުމަށް މެދުވެރިވާ ކާބަން ނުވަފަ ފޮސިލް ފިއުލް އެންދުމުން އަރާ ވިހަ ދުން މަދުކުރުމާއި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އިތުރު ލޯން ދިނުމާއި ބައިނަލްއަގުވާމީ ޑެޓް [ދަރަނި] ރިފޯމް ކުރުމާއި ކްރިޕްޓޯކަރަންސީ ބޭނުންކުރުމާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމާއި ދުނިޔޭގެ ދޭދޭ ގައުމުތަކުގެ ސިޔާސަތުތަކުގެ ސަބަބުން ކާބޯތަކެއްޗަށް ޖެހުމާއި ހަކަތައިގެ ދާއިރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރަނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުން ހިމެނެއެވެ.
މިހާރު ޖީ20 ގައި ހިމެނޭ ގައުމުތަކަކީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭހުގެ 80 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކެވެ.
މި ބައްދަލުވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލްވެސް ބައިވެރިވެވަޑައިގަންނަވާ އިރު އެ ޖަމާއަތުން އުއްމީދު ކުރަނީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާއެކު ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސް މަދުކުރުމަށް ޖީ20 އިން މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށެވެ.
ޖީ20 އަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ 85 ޕަސެންޓް ހިއްސާ ކުރާ ޖަމާއަތެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ 75 ޕަސެންޓަކީވެސް މިޖަމާއަތުގެ ގައުމުތަކުގެ އުފެއްދުންތަކެވެ. އަދި މުޅި ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެބައި ހިއްސާ ކުރަނީވެސް މި ޖަމާއަތުގެ ގައުމުތަކެވެ.
ޗައިނާގެ ރައީސް ޝީ ޖިންގްޕިން މި ބައްދަލުވުންތަކަށް ވަޑައިނުގަންނަވާ އިރު ޗައިނާއިން ކުރެހި އާ ސަރަހައްދު ދައްކައިދޭ ޗާޓުގައި އިންޑިއާއިން އެމީހުންގެ ތަންތަން ކަމަށް ދައުވާ ކުރާ 2 ސަރަހައްދެއް ހިމަނާފައި ވުމުން ވަނީ މަޝްރަހު ނުތަނަވަސްވެފައެވެ.
މި ބައްދަލުވުމުގައި އެއްބަސްވާ އިތުރު މުހިންމު ބައެއް ކަންމުގެ ތެރޭގައި އީޔޫ އާއި މެދުއިރުމަތި އަދި އިންޑިއާ ގުޅާލައި ރެއިލްވޭ އަކާއި މައުލޫމާތު ބަދަލުކުރުމާއި، ހައިޑްރޯޖަން ޕްރިޖެކްޓްތަކެއް ގައިމު ކުރުމަށް ވަނީ އެއްބަސްވެފައެވެ.
މިއީ ޗައިނާއިން އެގައުމުގެ ނިއުކްލިއާ ހަކަތަ ދުނިޔޭގެ އެކި ބައްރުތަކަށް ފުޅާ ކުރުމާ މުގާބިލުގައި އިންޑިއާއިން އިސްނަގައިގެން އުފައްދާ އެއްބަސްވުމެކެވެ. އެގޮތުން ގާއިމު ކުރާ ރެއިލްވޭ ކަނެޓްޝަން ވެގެން ދާނީ، 40 ގުނަ ބާރު އަދި މެދުއިރުމަތިން ޔޫއޭއީ، ސައުދީ އަރައްބިއްޔާ، އުރުދުން އަދި އިޒްރޭލުގެ އިތުރުން އީޔޫ އާ ގުޅާލައި މުހިންމު މަޝްރޫއަކަށް ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޖީ20ގެ ބައްދަލުވުމުގެ ކުރިން މޯދީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ބައްދަލުކުރައްވައި ގުޅުންތަކަކާ ގުޅެގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އިންޑޯ ޕެސިފިކްގެ ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިޔުމާއެކު ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އެގޮތުން އިންޑިއާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ޖަޕާން ހިމެނޭހެން އުފައްދާފައި އޮންނަ ކުއަޑް އިތުރަށް ވަރުގަދަ ކުރުމާއެކު އެކު އިންޑޯ ޕެސިފިކްގައި ޗައިނާގެ ހަންފެތުރުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.