ޚަބަރު

އެއްވެސް ރަހުމެއްނެތި މައިމީހާ ގައިގައި ތެޅިއިރުވެސް މަގުމަތީގައި ބައެއް މީހުން ތިބީ ކުޅިބަލަން!

ދެން އެމްވީ ، ދެން އޮންލައިން

"ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަދަށުގައި" މިއީ އެންމެންވެސް ބުނާ ނަމަވެސް މަދު ބަޔަކު ޤަބޫލުކުރާ ބަސްކޮޅެކެވެ. ސުވަރުގޭގެ ލާބަޔާއި ދަރުމަ ލިބެން ބޭނުން ވެގެން ވެސް މައިމީހާއާއި ދޭތެރޭ ހެޔޮކޮށް ޢަމަލު ކުރަނީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

Ads by Sosun Fihaara

ހަމަޔަގީނުންވެސް ވީޑިއޯއިން މިފެންނަ އަންހެން މީހާ، މައިމީހާގެ ފައިތިލަ ދަށުން ސުވަރުގެ ހޯދަން މަސައްކަތް ކުރާހެން ހިއެއް ނުވެއެވެ.
މިއީ ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވަމުންދިޔަ ދެ ވީޑިއޯއެކެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:04 ހާއިރު ހެންވޭރު ކަށިމާ ހިނގުމުގައެވެ.
މީގެތެރެއިން އެއް ވީޑިއޯއިން ފެންނަނީ ގެއަކުން ނިކުމެގެން އުމުރުން 50 ވަރަކަށް އަހަރުގެ އަންހެނަކު ދަނިކޮށް، އެގޭތެރެއިން އެހެން އަންހެނަކު ފިހިގަނޑެއް ހިފައިގެން ނިކުމެ އެއްވެސް ރަހުމެއްނެތި އެއަންހެން މީހާގެ ގައިގައި ތަޅަމުންދާ މަންޒަރެވެ.

އެނގިފައިވާ ގޮތުގައި ފިހިގަނޑު ހިފައިގެން އެއަންހެންމީހާ ބުއްރާސްޖަހާފައި ގޮސް ތެޅީ އޭނާ ބަނޑުއަޅާ ވިހެއި މައިމީހާ ގައިގައެވެ. މިއީ ކޮންފަދަ ބޮޑު ހިތާމައެއް ތޯއެވެ.
އެމަންޒަރު ބަލަން ހިތަށް ކިތަންމެ އުނދަގޫވިޔަސް، ހައިރާން ކުރުވި އަނެއް ކަމަކީ މިހާދިސާ ހިނގިއިރު އެތަނުގައި ތިބި ބައެއް މީހުން ކުޅިބަލަން ތިބިކަމެވެ. އެއްވެސް ހާލެއްގައި ގޮސް އެނުބައި އަންހެން މީހާގެ ކިބައިން އޭނާގެ މަންމަ ސަލާމަތް ކުރަން ދާނަމޭ އެކަކުގެ ވެސް ހިތަކަށް އެއިރު ނޭރިއެވެ.
ނަމަވެސް މިހާދިސާގެ އެހެން ވީޑިއޯއެއްގައި، މައިމީހާއަށް އެއަންހެންމީހާ ހަމަލާދެނިކޮށް އެތަނަށް ދެ ފިރިހެނަކު ގޮސް އަންހެން މީހާ ހުއްޓުވާ، މައިމީހާ ސަލާމަތް ކުރެއެވެ.

މުޖުތަމައުގައި މިފަދަ ޢަމަލުތައް އިތުރުވިޔަ ނުދިނުމަށް ބޭނުންވަނީ މިކަހަލަ މީހުންނެވެ.
އެނގިފައިވާ ގޮތުގައި މިއީ އެމަންމަގެ ގައިގާ އޭނާގެ ދަރިފުޅު ތަޅައިގަތް ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން ފަހަރަކު ވެސް އޭނާ އެގެއަށް ވަންނަން ދިޔުމުން އޭނާގެ ގައިގައި ތަޅައިގަތް ކަމަށާއި އެދުވަހު ފުލުހުން ވެސް އެތަނަށް ގޮސް މައްސަލަ ބެލި ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލަ ބަލާ، އެމަންމައަށް އިންސާފު ހޯދައި ދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!