ސްޓެޕް އައްޔަގެ ބަންދަށް އިތުރު 10 ދުވަސް

މާލޭގެ ގެއެއްގައި ފިރިހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި ކުރީގެ ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.
ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް ޖެހީ މިދިޔަ މަހުގެ ހަމަވުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ބަޔާނުގައި ވަނީ މި ކަމުގައި ސްޓެޕް އައްޔަގެ ބައިވެރިވުން އޮތްކަމަށް ބުނެފައެވެ.
ނަމަވެސް އެއީ އެހެން ބަޔަކު ހިންގި ކަމެއް ކަމަށް ސްޓެޕް އައްޔަ ބުނެއެވެ. އެތަނަށް ދެވުނީ އެކަން ނިމުނު ފަހުން ކަމަށް ވެސް ސްޓެޕް އައްޔަ ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އަނިޔާ ލިބުނު މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ ފަރާތެއްގެ ކޭޝްކާޑު ސްޓެޕް އައްޔަގެ އަތުން ވަނީ ފެނިފައެވެ.