ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފި
އަދިވެސް އެއްހަފްތާ ދުވަހަށް ސްކޫލްތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް އެވެ.
މަބްރޫކް ވިދާޅުވީ މި ދަނޑިވަޅުގައި ސްކޫލުތައް ބަންދު ކުރުމާއި ގުޅޭ ގޮތުން އެޑިއުކޭޝަނުން ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ސީދާ ވަކި ކަމެއް ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަމަކު މިހާރު ސްކޫލުތައް ހުޅުވުން ހަފްތާއަކަށް ފަސް ކުރުމަށް އެޑިއުޚޭޝަނުން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސްކޫލުތައް ހުޅުވުން ހަފްތާއަކަށް ލަސް ކުރުމަށް އެޑިއުކޭޝަނުން ނިންމާފައިވާއިރު މިދުވަސްވަރަކީ ސްކޫލުތަކުގެ މިޑްޓާމް ބަންދެވެ. އަދި އަންނަ އާދީއްތަ ދުވަހު ސްކޫލުތައް އަނެއްކާވެސް ހުޅުވޭއިރު ގިނަބަޔަކު އަންނަނީ ސްކޫލުތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ގޮވާލަމުންނެވެ. އޭގެތެރޭގައި މެޑިކަލް އެސޯސިއޭޝަނާއި ޓީޗާސް އެސޯސިއޭޝަންގެ އިތުރުން ބައެއް ޑޮކްޓަރުންވެސް ހިމެނެއެވެ.
ސްކޫލުތައް ހުޅުވުން ހަފްތާއަކަށް ފަސްކުރިއިރު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށްވެސް ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ރާއްޖެއިން މިއަދާއި ހަމައަށް 8 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން ޕޮޒިޓިވްވެފައިވާ ހަތަރު ބިދޭސީންނާއި ސޭންޑީޒް ބަތަލާއިން ބައްޔަށް ޕޮޒިޓިވްވި ދެ ފަތުރުވެރިންނާއި މިއަދު ކުރަމަތި އައިލެންޑު ރިސޯޓުން ޕޮޒިޓިވްވި ދެ ބިދޭސީންނެވެ.