ޚަބަރު

އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ 38 މެމްބަރުން ޕާޓީން ވަކިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ 38 މެމްބަރުން ޕާޓީން ވަކިކޮށްފިއެވެ.

Ads by STELCO

އެޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ދީފައިވާ ކެންޑިޑޭޓުން ތިއްބާ، ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން އިންތިހާބުތަކުގައި އަމިއްލަގޮތުން ވާދަކުރައްވާފައި ވާތީ، އެކަމަކީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފު އަމަލަކަށް ވާތީ، އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް އަސާސީ ގަވާއިދުން ލިބިދީފައިވާ ބާރުގެ ދަށުން، މެންބަރުކަމުން ވަކިކޮށް ފިޔަވަޅު އެޅުމަށް އެކޮމެޓީގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

އަދި އެފަރާތްތަކުން އެމްޑީޕީން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ އެޕާޓީގެ ދަފްތަރުން އުނިކުރުމަށް ފޮނުވާފައިވާ ކަމަށް އެޕާޓީން ބުންޏެވެ.

އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީންވަނީ މީގެކުރިން ނިންމާފައެވެ.

އެމްޑީޕީން ބުނީ މިގޮތަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހު ކަމަށެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ކެންޑިޑޭޓުންގެ ތެރެއިން މިގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދުވެސް ހަމަ މިފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ފުރަތަމަ ޕްރައިމަރީ ބާއްވާފައި ވަނީ ވެސް އެމްޑީޕީންނެވެ. އެމްޑީޕީގެ ޕްރައިމަރީ ދިޔަލެއް ފޯރިގަދަ ކަމުން ބައެއް ދާއިރާތަކުގެ ވޯޓުލުން ބާތިލުވެސް ކުރަންޖެހުނެވެ. އަދި އެ ދާއިރާތަކުގެ ވޯޓުލުން ފަހުން އެމްޑީޕީން ވަނީ ބާއްވާފައެވެ. މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!