މި ސަރުކާރުން ނ. މާފަރުގެ ފަޅު ތެރެއިން ވަކިކޮށްފައިވާ ބައި، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދެތިން މަސް ތެރޭ އަނބުރާ ހޯދައިދޭނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެންޕެއިނަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާފަރު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާފަރު ހިމެނޭ ސަރަޙައްދަކީ ޓޫރިޒަމްގެ ދާއިރާއަށް ވަރަށް "ޕޮޓެންޝިއަލް" ސަރަަޙައްދެއްކަމަށާއި އެގޮތުން މާފަރުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރައްވައި، ޓޫރިޒަމްގެ ދާއިރާ އިތުރަށް ފުޅާކުރައްވައި، ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމަށެވެ.
"މިރަށުގެ ފަޅު ތެރެއިން ކުރިން މިސަރުކާރުން އިޙްތިޞާސުން ވަކިކޮށްފައިވާ ބައި، އެއީ ތިބޭފުޅުންނަށް ލިބިލައްވާނެ ބައެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަނީ"
"އެކަން ކުރާނީކީއެއް ދައުރު ނިމޭތަނުން އިންތިޚާބު ކައިރިވީމައެއްނޫން، ފުރަތަމަކޮޅު ދެތިން މަސް ތެރޭގައި އެކަން ނިންމަދޭނަން"
މުއިއްޒު އިތުރަށް ވިދާޅުވީ ކެންޕެއިންގެ ދަތުރުތަކުގައި އެކި ރަށްރަށަށް ކުރި ޒިޔާރަތުން ފެނިގެން ދިޔައީ މި ސަރުކާރުގެ ޞިއްހީ ނިޒާމު ފެއިލްވެފައި އޮތް މަންޒަރުކަމަށެވެ. އަދި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމާއެކު މަގުތައްވެސް ރަނގަޅު ފެންވަރެއްގައި އޮތުމަކީ ޒަރޫރީކަމެއްކަމަށް ޤަބޫލުކުރައްވާކަމަށާއި، އެގޮތުން މާފަރުގެ މަގުތަކާއި ޞިއްހީ ނިޒާމު ރަނގަޅު ފެންވަރެއްގައި ހައްދަވައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެެވެ.
"މި ސަރުކާރުގެ ޞިއްހީ ޕޮލިސީ އޮތީ އެއްކޮށް ފެއިލްވެފައޭ ދެންނެވޭނީ އަޅުގަނޑުމެންނަށް ފެންނަ މަންޒަރުން ކޮންމެ ރަށެއްގައިވެސް، އެ ހުރި ތަނެއް އެއީ މަޒުކަޒެއްވިއަސް، ހޮސްޕިޓަލެއްވިއަސް ހުރީ ވީރާނާވާން ދޫކޮށްލެވިފައި"
"މިއީ ޢާންމުކަމެއް ހަމަ ކޮންމެ ރަށެއްގައިވެސް"
މުއިއްޒު ވިދާޅުވީ މާފަރަކީ ފުޓުބޯޅައަށް ވަރަށް ޝަރުޤުވެރިކަން ހުންނަ ރަށެށްކަމަށް ފާހަގަކުރެވުނުކަމަށާއި އެރަށުގައި ދަނޑެއް ހެދިފައި އޮތަސް އެތަން ފުރިހަމަކޮށްދެވިފައިނުވާކަމަށެވެ. މުއިއްޒު ވިދާޅުވީ ފުޓުބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ވަރަށް ލޯބި އޮތް ކުޅިވަރަކަށްވެފައި، ރާއްޖޭގައި ވަރަށް ހުނަރުވެރި ފުޓުބޯޅަ ކުދިންތަކެއް އުފެދެމުން އަންނަކަމަށެވެ.
"ރަށްތަކުގައި ހުންނަ ދަނޑުތަކަކީ ކޮންމެ ފެންވަރެއްގެ މެޗުތައްވެސް ކުޅެވޭނެ ގޮތަށް ހުންނަ ދަނޑތަކަކަށް ވާންޖެހޭ"
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ދަނޑުތައް ވަރުގަދަކުރުމާއި މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި، ޓީމުތަކަށް ލީގުތައް ކުޅެވޭނެ މަގުފަހިކޮށްދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.