ޚަބަރު

ދިވެހިންނަށް އަދިވެސް ލަންކާއިން އޮން އެރައިވަލް ވިސާ ލިބޭނެ: ޝާހިދު

މިހާރުވެސް އޮންނަ އުޞޫލުގެ ދަށުން ދިވެހިންނަށް އަދިވެސް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ވެސް އޮންނަ އުސޫލުގެ ދަށުން ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ލަންކާއަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ލަންކާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވަކި މުއްދަތެއް ނެތް ގޮތަށް ހުރިހާ ގައުމަކަށް އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.

ވިސާގެ ކަންތައް ހަރުކަށި ކުރަން ލަންކާއިން ނިންމީ މިއަދު އެގައުމުގެ ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. ލަންކާގައި ކޮވިޑް-19 ޖެހުނީ އިޓަލީ ޓޫރިސްޓް ގްރޫޕަކާ އެއްކޮށް އުޅުނު އުމުރުން 52 އަހަރުގެ މީހަކަށެވެ.

ތައިލެންޑުން ވެސް މިއަދު ވަނީ ބައެއް ގައުމުތަކަށް އޮން އެރައިވަލް ވިސާ މެދުކަނޑާލާފަ އެވެ. އެކަމަކު އޭގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!