ޚަބަރު ސިޔާސީ

އީ-ބައިކްއާއި ބައިސްކަލް ދުއްވުމަކީ އަނެއްކާވެސް ދިވެހިންގެ ތެރޭގައި އާދަކުރެވޭ ކަމަކަށް ހަދާނަން: މުއިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރެއްގައި ރާއްޖޭގައި އީ-ބައިކްގެ ނިޒާމު ޤާއިމްކޮށްދެއްވާނެކަމަށާއި ބައިސްކަލް ދުއްވުމަކީ އަނެއްކާވެސް ދިވެހިންގެ ތެރޭގައި އާދަކުރެވޭ ކަމަކަށް ހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ހދ. ކުޅުދުއްފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ވާހަކަދައްކާއިރު ރާއްޖޭގެ މި ނާޒުކު ތިމާވެށްޓަށް ވިސްނަންޖެހޭނެކަމަށާއި، މި ތިމާވެށްޓަކީ ދިވެހިންނަށް ވަރަށް މުހިންމު އެއްޗެއްކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ވަރަށް ގިނަ ވެހިކަލް ހުރިކަމަށް އިޝާރާތްކުރައްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތިމާވެށްޓާމެދު ދިވެހީން ވިސްނަވަން ޖެހޭ ކަމަށާއި ތިމާވެށްޓަށް ފައިދާވާ ގޮތަށް ކަންކަން ފަހިކޮށްދޭން މަސައްކަތްކުރަން ޖެހޭކަމަށެވެ. އޭރުން މި ޤައުމު ކުރިއަށް ދާނީ ދިވެހިންނަށް ބޭނުންވާ ގޮތަށްކަމަށާއި، ތިމާވެށްޓާއިމެދު ނުވިސްނައި ކުރިއަށް ދާނަމަ އެއީ ދެމެހެއްޓެނިވި ވިސްނުމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ އިލެކްޓްރިކް ވެހިކަލަށް އިންވަސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށްޓަކައި އިންސެންޓިވްސް އަޅުގަނޑުމެން ދޭނަން، އިލެކްޓްރިކް ވެހިކަލްތައް ގެނެވި ބެޓްރި އޮޕަރޭޓެޑް ވެހިކަލްސްއަށް ދިޔައިމަ މި ތެޔޮ އެނދުން މަދުކުރެވި އަޅުގަނޑުމެންގެ ޖައްވަށް މި ބޭރުކުރާ ގޭސްތައް މަދުކުރެވި އަޅުގަނޑުމެން ޖައްވު ސާފުވެ އަޅުގަނޑުމެންނަށް ލިބޭނީ ސާފު ވެށްޓެއް" މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން، ހުރިހާ ސިޓީތަކަށް އިސްކަން ދީގެން ބެޓްރި އިލެކްޓްރިކް އޮޕަރޭޓެޑް ވެހިކަލްސްތަކުގައި އިންވެސްޓުކުރުމުގައި މުއިއްޒުގެ ސަރުކާރަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ބައިސްކަލަށް ބޮޑަށް ޝައުގުވެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކި ކަހަލަ މަޝްރޫރުތައް ހިންގައި އީ-ބައިކް ނިޒާމް ގެނެސް، އީ-ބައިކް ސިސްޓަމް ގެނެސް، އީ-ބައިކްއާ ބައިސްކަލް ދުއްވުމަކީ އަނެއްކާވެސް އަޅުގަނޑުމެންގެ ތެރޭގައި އާދަކުރެވޭ ކަމަކަށް ހެދުމަކީ އަޅުގަނޑުމެން ކުރިއަށްދާން ވިސްނާ ކަމުގައިވާނަމަ ކުރިއަށް ގެންދަން ޖެހޭކަމެއް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިފަދަ ކަންކަމަކީ ވަކި ވަކިން ބަޔާން ނުކުރެއްވި ނަމަވެސް އެމަނިކުފާނުގެ މެނިފެސްޓޯގައި ހުރި ކަންކަންކަމަށެވެ. އަދި ދިވެހިންގެ މާހައުލާއި ގުޅޭގޮތަށް ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭ ވިސްނުމެ ގެންގުޅެން ޖެހޭކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ފެނިގެންދާނީ ތިމާވެށްޓާއި ގުޅޭގޮތަށް ކަންކަން ކުރެވެމުންދާތަން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!