އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އިންޑިއާގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފި
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އިންޑިއާގެ ޚާރިޖީ ވަޒީރާ ވޮޝިންޓަން ޑީސީގައި ބައްދަލުކުރައްވަނީ ކެނެޑާގެ މަޝްހޫރު ސިކް ލީޑަރަކު މަރާލި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން އިންޑިއާއަށް ގޮވާލާފައި ވަނިކޮށެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބްލިންކެންއާ އެކު މަޝްވަރާތައް ފައްޓަވަމުން ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ އެމެރިކާގެ ވެރިރަށް ނިއު ދިއްލީގައި ދާދި ފަހުން ބޭއްވި ޖީ-20 ސަމިޓުގައި ވޮޝިންޓަނުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޖައިޝަންކަރު ވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަންއާ ވެސް ބައްދަލުކުރައްވައި ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވަނީ މި އަހަރު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ލިބުނު ބޮޑު ކުރިއެރުން ދެނެގަނެ، އެ ގުޅުން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ނަމަވެސް ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިދިޔަ ހަފުތާގައި އިންޑިއާ އާއި ސިކް ލީޑަރު ހަރްދީޕް ސިންގް ނިއްޖާރު އަވަހާރަކޮށްލުމާ ދެމެދު "ގުޅުމެއް އޮތް ކަމަށް ގަބޫލުކުރެވޭ ތުހުމަތުތަކެއް" އޮޓާވާ އިން ބަލަމުން އަންނަ ކަމަށް ވިދާޅުވުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އިންޑިއާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވަނީ ބްލިންކެން އާއި ޖައިޝަންކަރުގެ ބައްދަލުވުން ޕްރިވިއު ކުރަން ދެކޮޅު ހައްދަވާފައި ވީ ނަމަވެސް ވޮޝިންޓަނުން ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ނިއު ދިއްލީގެ ކިބައިން އެދިފައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް މިލާ ވިދާޅުވި އެވެ.
ނަމަވެސް ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރޫޑޯ ވިދާޅުވީ ކެނެޑާގެ ތުހުމަތުތައް ބްލިންކެން ޖައިޝަންކަރާ ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ އޮފިޝަލުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އިންޑިއާ ސަރުކާރުގެ އެޖެންޓުން ކެނެޑާގެ ބިންމަތީގައި ކެނެޑާގެ ރައްޔިތަކު މަރާލި ކަމަށް ބުނާ އިތުބާރު ހުރި ތުހުމަތުތައް ފޮލޯއަޕް ކުރުމުގައި ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްތޯ އިންޑިއާ ސަރުކާރާ ވާހަކަ ދެއްކުމުގައި އެމެރިކާ މީހުން ތިބީ އަޅުގަނޑުމެންނާ އެކު،" ބޮޑުވަޒީރު ވިދާޅުވި އެވެ.