ޚަބަރު

ކުރެއްދޫގައި ތިބި ގެސްޓުން ފުރުވާލަނީ

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓު ކަރަންޓީނުން ދޫކޮށް، ރިސޯޓުގައި ތިބި ގެސްޓުން ފުރޭނެ އިންތިޒާމު ހަމަޖައްސަން ފަށައިފިއެވެ.

ވައިރަސްގެ އަލާމާތްތަކެއް ފެނި، ބަންދުކުރި ކުރެއްދޫ ރިސޯޓު އަލުން ހުޅުވާލީ އަލާމާތްތައް ފެނުނު ހުރިހާ އެންމެން ކަރަންޓީނު ކުރުމަށް ގާއިމްކުރެވުނު ރަށަށް ބަދަލުކުރުމަށް ފަހުގައެވެ.

ކުރެއްދޫ ރިސޯޓުން ބުނީ އެޗްޕީއޭގެ އޮފިޝަލުން މިހާރުވެސް އެ ރިސޯޓުގައި ހަރަކާތްތެރިވެ، ހާލަތު މޮނީޓާ ކުރަމުން އެބަދާ ކަމަށެވެ.

އެ ރިސޯޓުން ބުނެފައިވަނީ ރިސޯޓު ބަންދުކުރުމާ ގުޅިގެން ނުފުރި ތިބި ގެސްޓުންނަށް، އެއާލައިންތަކާ ވާހަކަ ދައްކައި ފުރޭނެ އިންތިޒާމު ރިސޯޓުން ހަމަޖައްސަމުން އަންނަ ކަމަށެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓު ބަންދުކުރީ އެރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިޔަކު އަނބުރާ ގައުމަށް ގޮސް، ޓެސްޓުކުރުމުން ބައްޔަށް ޕޮސިޓިވްވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ ރިސޯޓުން ޖުމްލަ ހަތަރު މީހަރު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ 8 މީހަކު ވަނީ އެކަހެރިކޮށް ފަރުވާ ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!