ޚަބަރު

އިންތިހާބީ ނައިބު ރައީސް ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިހާބީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު، ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގައި އިއުލާނުކޮށްފިއެވެ.

Ads by MWSC

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަމަވުން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިންތިހާބީ ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވީ ޕާޓީ ބަދަލުކުރުމަށް ފަހު ކަމަށެވެ.

އަދި ޕާޓީ ބަދަލުކުރައްވަމުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގެ ލިޔެކިޔުންތައް އިލެކްޝަންސް ކޮމިޝަނުންވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިހާރު އިންތިހާބުވެފައިވާ ނައިބު ރައީސް ޕާޓީ ބަދަލުކުރައްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތީ. ޕާޓީ ބަދަލުކުރައްވަމުން މަޖިލީހަށް އޮތީ ކަރުދާސް ހުށަހަޅުއްވާފަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެންބަރުން ނިސްބަތްވާ ގޮތަށް ބަލާލާއިރު އެމްޑިޕީގައި 56 މެންބަރުން، ދަ ޑިމޮކްރެޓްސް 13 މެންބަރުން، ޕީޕީއެމް 4 މެންބަރުން، ޕީއެންސީ 4 މެންބަރުން، އެމްއެންޕީ 3 މެންބަރުން، އެމްޑީއޭ 2 މެންބަރުން، ޖުމްހޫރީ ޕާޓީ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުންނެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައިސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންފައިވަނީ 129،159 ވޯޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!