ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަކީ ބަހުގެ އިތުބާރު އޮތް ޕާޓީއެއް ކަމަށް ދަންނަވަން މި ވަގުތު ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ވަގުތު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ނުފެންނަ ކަމަށް ވިދާޅުވެފައި ވާތީއެވެ. އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އަސްލަމް ވަނީ މިކަމުގައި އެމްޑީޕީން އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށް މިއަދުގެ މަޖިލީހުގައި ވިދާޅުވެފައެވެ.
އެހެންކަމުން މިކަމަށް އިޝާރަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމްޑީޕީގެ ބަސް މަގު ކުއްލިއަކަށް ބަދަލުވުމަކީ ހައިރާންވާ ކަމެއް ނޫންކަމަށާއި އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް މަސައްކަތް ކުއިއިރު އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމައަށް ތާއީދު ކުރެއްވި ކަމަށެވެ.
މިގޮތުން އެމްޑީޕީއަކީ މި ވަގުތު ބަހުގެ އިތުބާރު ހިފޭ ބާވަތުގެ ޕާޓީއެއް ކަމަށް އެ މަނިކުފާނު ވިދާޅު ނުވާ ކަމަށާއި އެހެން ނަމަވެސް ކަންކަން ހިނގާފައި އޮތް ގޮތް ހަމަ ހިއްސާކޮށްލީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ތާއީދު ނެތްކަން ހާމަވެފައި ވާއިރު ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މިހާރު ތާއީދު ކުރަނީ އިންތިހާބުގެ ފުރަތަމަ ބުރުން ތިންވަނަ ހޯދި ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އިން އެކަންޏެވެ.