ދުނިޔެ

ޕާކިސްތާނުގައި އިދިރުޅޭ އަފްގާނިސްތާނުގެ ރެފިއުޖީން ފައިބަން އެންގުމުން ކަންބޮޑުވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގަވާއިދާ ޚިލާފަށް ޕާކިސްތާނަށް އެތެރެވެފައިވާ އަފްޣާނިސްތާންގެ ރައްޔިތުން، ނޮވެމްބަރު މަސް އަންނަންވާއިރަށް އެގައުމުން ފޭބުމަށް، ޕާކިސްތާން ސަރުކާރުން އަމުރުކޮށްފިއެވެ. އަންދާޒާކުރެވޭ ގޮތުގައި މިފަދަ 1.7 މިލިއަން މީހުން، ދެގައުމު ގުޅޭ އިން ހުރަސްކޮށް ޕާކިސްތާނަށް ހިޖުރަކޮށްފައި ވެއެވެ.

Ads by Sosun Fihaara

ޕާކިސްތާން ސަރުކާރުން މިފަދަ އަމުރެއް ނެރެފައިވަނީ ދެގައުމުން ހިއްސާކުރާ އިމުގެ ކައިރީގައި ދެވޭ ބޮމުގެ ހަމަލާތައް މިއަހަރު ތެރޭ އިތުރުވެގެން ގޮސްފައި ވާތީއެވެ. ޕާކިސާނުން ތުހުމަތުކުރަނީ މިފަދަ ހަމަލާތަކަކީ އަފްޣާނިސްތާނުގައި ތިބެފައި އައިސް ދޭ ހަމަލާތައް ކަމުގައެވެ. ނަމަވެސް މިކަން ވަނީ ތާލިބާން ވެރިކަމުގެ ފަރާތުން ދޮގުކޮށްފައެވެ.

ޕާކިސްތާން-އަފްޣާނިސްތާން ގުޅޭ އިމުގެ ކައިރީގައި ދެވޭ ހަމަލާތައް އިތުރުވަމުން ދިއުމާއެކު، އިސްލާމް އާބާދުން އަންގާރަ ދުވަހު ވަނީ އެގައުމަށް ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ.

ދެގައުމު ގުޅޭ އިމުގެ ކައިރީގައި ވާ ޕްރޮވިންސެއް ކަމަށްވާ މަސްޓުންގުގެ މިސްކިތެއްގެ ކައިރީ މިދިޔަ ހަފުތާގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 50 މީހުން މަރުވެފައިވެއެވެ.

އެހެން ގައުމަކުން ހިމާޔަތް ހޯދުމަށް އެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭ ހައްގެކެވެ. ޕާކިސްތާނުން މިހާތަނަށްވެސް އައީ އެތައްހާސް އަފްޣާން ރައްޔިތުންނަށް ހިމާޔަތް ދެމުންނެވެ. ޚާއްސަކޮށް 2021 ވަނަ އަހަރު ތާލިބާނުން އަލުން ވެރިކަމަށް އައުމާ ގުޅިގެން މިއަދަދުވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައެވެ.

އދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަފްޣާނިސްތާނުގެ 1.3 ރައްޔިތުންނަށް ޕާކިސްތާނުން ރެފިއުޖީ ސްޓޭޓަސް ދީފައިވާއިރު، އިތުރު 880،000 މީހުންނަށް ވަނީ ގާނޫނީ ހިމާޔަތް ދީފައެވެ.

ނަމަވެސް އަންގާރަ ދުވަހު ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރ ސަރުފަރާޒް ބުގްތީ ވިދާޅުވިގޮތުގައި، މި އަދަދުގެ އިތުރުން ނުގަވާއިދުން އެތެރެވެފައިވާ 1.7 މިލިއަން މީހުން އެބަތިއްބެވެ. އަދި މި އެންމެންވެސް މި މަސް ނިމެންވާއިރަށް ފައިބަން ޖެހޭނެ ކަމަށާއި، ނޫންނަމަ މަޖުބޫރުންވެސް ބާލާނެކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ނުގަވާއިދުން އެތެރެވެފައިވާ މީހުން ފާހަގަކޮށް، އެމީހުންގެ ވިޔަފާރިތަކާއި މުދާ ހިފެހެއްޓުމުގެ މަސައްކަތް ކުރުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައި ވާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!