ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް ނިންމައި، ސޮއި ހަމަކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިމިވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީއަށް ވެފައި، ރިޔާސަތަކަށް އެ ޕާޓީގެ މެމްބަރަކު ހުންނެވުމުން މުހިންމުވުމުންނެވެ.
އެގޮތުން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކު އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން މި ވަގުތަށް މުހިންމު ނޫން އެތައް ކަމެއް ކުރައްވައި މަޖިލީހުގެ ވަގުތު ބޭކާރު ކުރައްވާކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މާދަމާ ބާއްވާނެއެވެ. އަދި އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މިންވަރަށް އެމްޑީޕީ މެމްބަރުންގެ ސޮއި ހަމަކޮށްފައިވާކަމަށް މައުލޫމާތު ލިބޭ އިރު، މަޖިލީހުގެ ރިޔާސަތު މަޤާމުން ދުރުކުރެވޭނީ އިތުބާރު ނެތްކަމަށް މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ 55 މެމްބަރުން މަޖިލީހުގައި ތިބި އިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާ ނުކޮށް އޮއްވާ ފަހުން އެ މައްސަލަ އަނބުރާ ގެންދިޔައީއެވެ.