ޚަބަރު

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އައު ވަޒީފާތައް މީހުން ހޯދުން މަޑުޖައްސައިލުމަށް އަންގައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ސިވިލް ސަރވިސްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖައާކުރުމާއި، އައު މަޤާމުތައް އުފެއްދުމާއި، އިދާރީ އޮނިގަނޑަށް އަލަށް ދެވިފައިވާ މަޤާމްތަކަށް މީހުން ހޯދުމް މަޑުޖައްސައިލުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގައިފިއެވެ.

Ads by Sosun Fihaara

އެ ކޮމިޝަނުން އިއްޔެ އާންމުކުރި ސަރކިއުލަރ އެއްގައި މިހެން ބަޔާންކޮށްފައިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ޖާގަދިނުމުގެ ގޮތުންކަމަށް ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި މުދިމުންނާއި އިމާމުންގެ މަޤާމުތަކަކީ، އެ ޚިދުމަތްތައް މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދިނުމަށް ބޭނުންވާ މަޤާމުތަކަކަށްވާތީ، އެ މަޤާމުތަކަށް މިހާރުވެސް ކަނޑައެޅިފައިވާ އުޞުލުތަކުގެ ތެރެއިން މުވައްޒަފުން ހަމަޖެއްސުމަށް އެ ކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެ މަޤާމުތައް ފިޔަވައި، މިވަގުތަށް ކޮންމެހެން އިޢުލާންކުރުމަށް ބޭނުންވާ މަޤާމެއް ނަމަ، ސަބަބާއެކު ކޮމިޝަނަށް ލިޔެ، ކޮމިޝަނުގެ ހުއްދަ ހޯދުމަށްފަހުގައި މެނުވީ އެ މަޤާމަކަށް މީހަކު ހޯދަން އިޢުލާނު ނުކުރެއްވުމަށް އެ ކޮމިޝަނުންވަނީ އަންގާފައެވެ.

މީގެ އިތުރުން، މިހާތަނަށް އިޢުލާންކޮށްފައިވާ މަޤާމުތަކުގެ ތެރެއިން ވަޒީފާގެ ހުށަހެޅުން ދީފައިނުވާ މަޤާމުތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސައިލުމަށާއި އަދި އެ މަޤާމުތަކުގެ ތެރެއިން މުވައްޒަފަކު ވަކިވުމާ ގުޅިގެން ހުސްވެފައިވާ މަޤާމުތައް ނުވަތަ ކޮންމެހެން މި ވަގުތަށް މީހަކު ބޭނުންވާ މަޤާމެއްނަމަ، އެކަންވެސް ސަބަބާއެކު އެ ކޮމިޝަނަށް ލިޔެ ހުއްދަ ހޯދަންޖެހޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ހަމަ އެއާއެކު، ކޮންޓްރެކްޓް/ވޭޖް/ކޮންސަލްޓެންސީ އުޞޫލުން މީހުން ހަމަޖެއްސުން މަޑުޖައްސައިލުމަށްވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!