ސުޕްރީމް ކޯޓުގެ އެސްޖީ ފާއިޒް ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައިފި
ފަނޑިޔާރުންނަށް ފާރަލާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފިއެވެ.
ފާއިޒު މިއަދު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާއި ވަޒީފާގެ ކޮންޓްރެކްޓާ ހިލާފަށް ކަމަށް ޓްރިބިއުނަލުން ނިންމާފައިވާ ކަމަށެވެ.
އަދި އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް ވެސް އެ ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށް ފާއިޒު ވިދާޅުވިއެވެ.
ޑރ. ފާއިޒް ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މަގާމުން ވަކިކުރީ ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގު ކުރެއްވިއެވެ. އަދި މަގާމުން ވަކިކުރެއްވި ލިޔުމުގައި އެފަދަ ތުހުމަތެއްގެ ވާހަކަ ނެތް ކަމަށާއި އެފަދަ ކަމަކަށް ތުހުމަތުކޮށް ސުވާލުކޮށްފައިވެސް ނުވާ ކަމަށްވެއެވެ.