އަޅުގަނޑުގެ ސަރުކާރު ވާނީ ޖަވާބު ދާރީވެވޭ، ކަންކަން ބާރު މިނުގައި ގެންދެވޭ، ހިދުމަތްތެރި ސަރުކާރަކަށް: އިންތިޚާބީ ރައީސް

އެމަނިކުފާނުގެ ސަރުކާރު ވާނީ ޖަވާބު ދާރީވެވޭ، ކަންކަން ބާރު މިނުގައި ގެންދެވޭ، ހިދުމަތްތެރި ސަރުކާރަކަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އުންމީދަނީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާ، ޒިންމާދާރު ވެރިކަމެއް ކުރެވުން ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވާ ގޮތަކީ އެއީ ކަމަށާއި ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބަވާނީ ރައްޔިތުންނަށް އެކަންތައްތައް ކޮށްދެވޭނެ، ގާބިލް ބޭފުޅުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑު އިރާދަކުރެއްވިއްޔާ ޔަގީން ކުރާނަން އެކަން އެގޮތަށް ގެންދެވޭނެ ކަމަށް” ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވަނީ ދެފުށް ފެންނަ، ޖަވާބުދާރީ ވެވޭ، ކަންކަން ބާރުމިނުގައި ގެންދެވޭ ހިދުމަތްތެރި ސަރުކާރެއް އޮންނަން ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ކޮންމެ ދިމާލެއްގައި މަސައްކަތް ކުރާ މުވައްޒަފަކީ ވެސް ހިނިތުންވުމާއެކު ރައްޔިތުންނަށް ހިދުމަތްދީ، ޖަވާބުދާރީވުމުގައި ފަސްޖެހުމެއް ނެތި ޒިންމާދާރުކަމާއެކީ ހިދުމަތްދޭ ބަޔަކަށް ހައްދަވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.