ޚަބަރު ސިއްޙަތު

ލެޕްރަސީ ނެތް ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތު މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ހަމަވެފައިވާ ކަމަށެވެ.

އެގޮތުން ލެޕްރަސީ ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ހާސިލްކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ރަށްރަށުގައި އެ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންގެ މަސައްކަތް ނިމި، މިއަހަރުގެ ނިޔަލަށް ރާއްޖޭއިން މަދުވެގެން 100 ރަށުގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމް ވޯރކް" ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތާއި ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވުނު ކަންކަމާއި "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން މިދިޔަ އާދިއްތަ ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ފަރާތުން ވަޑައިގެންނެވި އެކްސްޕާރޓް ޓީމާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން މި މަސައްކަތުގައި ދެން ކުރިއަށް ދާނެ ގޮތާއި ކުރަންވީ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ލަފާދީފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

ހެލްތް މިނިސްޓްރީން ބުނީ ރާއްޖެއަކީ ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންއަށްފަހު 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައިވާ ކަމަށެވެ.

ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ލެޕްރަސީ ބަލި ދެނެގަތުމާއި، ބައްޔަށް އާންމުން ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިގޮތުން ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތަކާއި ބައްޔާމެދު ދެކޭގޮތް ބަދަލުކުރުމަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމާއި މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް އިންޓަރނަލް ވެރިފިކޭޝަން އެސެސްމެންޓް އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާރނަލް ވެރިފިކޭޝަން އެސެސްމެންޓްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގައި މިއީ ކުރިން ޢާންމު ބައްޔެއް ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ދޭން ފެށުމާއެކު، މި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އަދި ލެޕްރަސީއަކީ ދިވެހިރާއްޖޭގައި އާއްމު ޞިއްޙަތަށް ނުރައްކާވާ ބައްޔެއް ނޫން ކަމަށް 1997 ވަނަ އަހަރު ކަނޑައެޅުއްވިއެވެ.

ލެޕްރަސީއަކީ ޖަރާސީމެއްގެ ޒަރީޢާއިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހެނީ ހަމާއި، ނާރުތަކާއި ނޭވާލާ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކަށެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސު ކެނޑިފައި ހުރުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!