ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ފަލަސްތީނާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާނެ ލީޑަރުން ތިބުން މުހިންމު: ޝަހީމް

ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ފަލަސްތީނާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާނެ ލީޑަރުން ތިބުން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ފަލަޞްޠީނާ ގުޅޭ ކަންކަމުގައި ޙަރަކާތްތެރިވާނެ ލީޑަރުންނާއި ޤައުމީ ހަރަކާތެއް މިވަގުތު ރާއްޖޭގައި ހިންގުން ވަރަށް މުހިންމު ކަމަށެވެ.
“އިސްލާމީ އުންމަތް ހިތްދަތިވަގުތަކާ ކުރިމަތިލަމުންދާއިރު މިކަމާމެދު ސަފުތައް އެއްބައިވަންތަވުން ވަރަށް މުހިންމު” ޝަހީމް ވިދާޅުވިއެވެ.
އިސްރާޢީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ވަނީ އެތަކެއް ބައެއް ޝަހީދުކޮށްލާ، ޒަޚަމްކޮށްލާފައެވެ. އަދި އެތަކެއް ބައެއްގެ ގެތައް ސުންނާފަތި ކޮށްލާފައިވާއިރު، ވަންނާނެ ތަނެއް ނެތި އެތަކެއް މުސްލިމުން ވަނީ ހާލުގައި ޖައްސަފައެވެ. ފަލަސްތީންގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.