ޚަބަރު

ޗައިނާގެ އެހީ ޤަބޫލު ނުކުރި ކަމުގެ ތުހުމަތާއެކު ސަފީރުގެ ބަސް

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ހުއްޓުވަން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ސިއްހީ މާހިރުންގެ ޓީމަކާއެކު ބޭސް ފޯރުކޮށްދޭން އުޅުމުން އެ އެހީ ދިވެހި ސަރުކާރުން ގަބޫލުނުކުރި ކަމަށް އިދިކޮޅު ޕީޕީއެމުން ކުރި ތުހުމަތާއެކު ޗައިނާގެ ސަފީރު ބަސް އިއްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު ބޭސް ރާއްޖެއަށް ފޮނުވައިދިނުމަށް ޗައިނާ އިން ހުށަހެޅުމުން، ދިވެހި ސަރުކާރުން އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަަށެވެ.

މި ވާހަކަ ރިޕޯޓްކޮށްފައިވާ ޚަބަރެއް ރިޓްވީޓް ކުރައްވަވާ ސަފީރު ވިދާޅުވީ، ވައިރަހާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި، ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހާލަތާއި ގުޅިގެން ދެޤައުމުން ކުރެވޭނެ ކަންކަން ހޯދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ދިވެހިން ޗައިނާއާ ދޭތެރޭގައި ބާއްވާ ގާތްކަން ވަރަށް ރަނގަޅަށް ޤަބޫލު ކުރާ ކަމަށާއި އަދި އެކަމުގެ ބަދަލު ޗައިނާއިން ދޭން ބޭނުންވާ ކަމަށްވެެސް ބުނެފައިވެއެވެ

ޗައިނާގެ އެހީ ރާއްޖެއިން ޤަބޫލު ކުރަން ދެކޮޅު ހެދިތޯ ނުވަތަ ނޫންތޯ ސާފުކޮށް ޖަވާބު ދިނުމަަށް މީހަކު އެދުމުން ސަފީރު ވިދާޅުވީ އެގައުމުގެ އެހީ ބަލައިގަންނަަށް ދިވެހި ސަރުކާރުން ދެކޮޅު ނުހަދާ ކަމަށެވެ.

ޗައިނާ އިން ދޭ އެހީއަކަށް ރާއްޖޭން ފުރަގަސްދިންކަމަށް ތުހުމަތުކުރިއިރު، މިހާރު ދިވެހި ސަރުކާރާ އެންމެ ގާތްގުޅުމެއް އޮންނަ އިންޑިއާ އިން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދޭން ނިންމައިފަ އެވެ. މި އެހީތެރިކަން ދޭން ނިންމީ ދިވެހި ސަރުކާރުން އެދިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!