މަކުނުދޫގައި ހިނގި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ހަރަކާތްތެރިވަނީ
މިއަދު ހދ. މަކުނޫދޫގައި ނަރުދަމާގެ މަސައްކަތްކުރަމުން ދިޔަ ސައިޓެއްގައި ބާރުގަދަ އެއްޗެއް ގޮވައި، ދެ މީހަކު މަރުވި ހާދިސާ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ޓީމެއް އެރަށަށް ގޮސްފިއެވެ.
މިއަދު ހަވީރު ރިޕޯޓުކުރި މި ހާދިސާގައި ގޮވާފައިވަނީ އެރަށުގެ އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓު ކައިރީގައި އޮތް ގޭސް ފުޅިއެއްކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ. އަދި މި ހާދިސާގައި މަރުވެފައިވަނީ ދެ ބިދޭސީންކަމަށްވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މަރުވި ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތްކުރުމަށް އެރަށަށް ގޮސްތިބި ދެމީހުންކަމަށް ފުލުހުން ވަނީ މަޢުލޫމާތުދެއްވާފައެވެ.
މަކުނޫދޫގައި ހިނގާދިޔަ ހާދިސާގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން އެރަށަށް ލޮޅުމެއް އަރައިގެންދިޔަކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ. ހާދިސާ ހިނގި ވަގުތު މަންޒަރު ދުށް މީހުންނާއި ސައިޓަށް ދިޔަމީހުން ވަނީ ގޭސްފުޅި ގޮވުމުގެ ސަބަބުން މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫތަށްވުރެ ދުރަށް ބުރައިގެންގޮސްފައިވާކަމަށް މަޢުލޫމާތުދީފައެވެ.
މީގެ އިތުރުން ގޭސްފުޅި ގޮވިލެއް ބާރުކަމުން އެ ރަށުގެ ބަނދަރު ކައިރީގައި ހުންނަ ކެފޭއެއްވެސް ފޫއަޅުވާލާފައި ދަނގަނޑުގަޑެއް އެ ތަނުގެ ތެރެއަށްވެސް ވަދެފައިވާކަމަށް އޮންލައިން ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާ އާއި އޮކްޓޫބަރު 19 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ އެއާޕޯޓުގައިވެސް ގޭސް ސިލިންޑަރެއް ގޮވައި 4 މީހަކަށް އަނިޔާލިބިފައިވާކަން ފާހަގަކުރައްވައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ހާދިސާތައް ހިނގަން މެދުވެރި ގޮތް ތަޙްޤީޤުކުރައްވައި، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.