އިންޑިއާގެ ކުންފުންޏަކާއެކު ބޭސް އެތެރެކުރުމަށް އެއްބަސްވުމެއް ހަދަން އުޅޭ ވާހަކަ އެސްޓީއޯއިން ދޮގުކޮށްފި
ދިވެހިރާއްޖެއަށް ބޭސް އެތެރެކުރުމަށް އިންޑިއާގެ ޓަމިލްނާޑޫ ކުންފުންޏާކާއެކު އެއްބަސްވުމެއް ހަދަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދޮގުކޮށްފިއެވެ.
މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވަނީ ރާއްޖެއަށް ބޭސް އެތެރެކުރުމަށް އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދަން އުޅޭކަމަށް ޓްރާންސިޝަނަލް ކޮމީޓީން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވިފައިވާކަމަށެވެ.
މި އެއްބަސްވުން މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވައި އެސްޓީއޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ އެކުންފުންޏާއި އިންޑިއާގެ ޓަމިލްނާޑޫ ކުންފުންޏަކާއެކު ބޭސް އެތެރެކުރުމަށް އެއްވެސް އެއްބަސްވުމެއްގައި މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަމަށެވެ.
ފިރުޒުލް ވަނީ މި އެއްބަސްވުމަކީ ދިވެހިންގެ އަސާސީ ޚިދުމަތްތަކާއި ގުޅޭ ކަމަކަށްވުމުން، މިކަން އެހާ ބާރުމިނުގައި ކުރިއަށް ގެންދިއުމަކީ އިންތިޚާބީ ރައީސް ކަންބޮޑުވެލައްވާކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.
މީގެކުރިންވެސް ފިރުޒުލް ވަނީ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކަށް ބޭނުންވާ ސިއްޙީ ސާމާނުގެ ދެވަނަ އޯޑަރުޖަހާފައި ނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވައި ސަރުކާރުން ވަނީ ދަތިކަމެއްނެތި ސިއްޙީ ދާއިރާއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ލިބޭނެކަމަށް ބުނެފައެވެ.