ވީއައިއޭއިން ހައްޔަރުކުރި ޗައިނާ ފަތުރުވެރިޔާ އިމިގްރޭޝަނާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އާންމުންނަށް އުނދަގޫކޮށް ބޭއަދަބީ އަމަލުތައް ހިންގަމުން ދިޔަ ޗައިނާ ފަތުރުވެރިޔާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ވީއައިއޭ އެއާޕޯޓުތެރޭގައި އާންމުންނަށް އުނދަގޫކޮށް ބޭއަދަބީ އަމަލުތައް ހިންގަމުން ދިޔަ ޗައިނާ ފަތުރުވެރިޔާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިގޮތުން އެ އަންހެން މީހާ ހައްޔަރު ކުރި ދުވަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅުމުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޗައިނާގެ އަންހެން ފަތުރުވެރިއެކެވެ.
ފުލުހުން ބުނީ އޭނާ އެއާޕޯޓު ތެރޭގައި އުޅެމުން ދިޔައީ އެހެން މީހުނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކޮށް ކުޅު ޖެހުން ފަދަ އަމަލުތައް ކުރަމުން ކަމަށެވެ.
އެހެންކަމުން ހައްޔަރުކޮށްފައި ވަނީ އޭނާގެ އަމަލުތައް ހުރި ގޮތުން ކަމަށް ފުލުހުން ހާމަކުރެއެވެ.