ޚަބަރު

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގައި 40،000 އަށްވުރެ ގިނަ ފޯމު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި 40،000އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެގޮތުން، ގޯއްޗަށް އެދި 19،347 ފޯމު ހުށަހަޅާފައިވާއިރު، ފުލެޓަށް އެދި 21،247 ފޯމް ހުށަހަޅާފައި ވާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިފަހަރުގެ ސްކީމްގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ގޯއްޗަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ ދިވެހި ރައްޔިތުންނަށް މި ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޖޮއިންޓްކޮށް ކުރިމަތިލުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލައިފައެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓާއި ގޯއްޗަށް 20،000 އަށް ވުރެ ގިނަަ މީހުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނީ 18،955 މީހެކެވެ. ފްލެޓަށް ހުށަހެޅި 20،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ސަރުކާރުން ނިންމި ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް ހާމަކޮށްފައިނުވެއެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދުމުގެ ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، އުމުރުން 18 އަހަރުވުމުގެ އިތުރުން ބިންވެރިޔާ ސްކީމުން މީގެ ކުރިން ގޯއްޗެއް ލިބިފައި ނުވުމެވެ. އަދި ކުރިން ފްލެޓެއް ލިބިފައި އޮތަސް މި ފިޔަވަހިން ގޯއްޗަށް އެދެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވިއެވެ.

މިފަހަރުގެ ސްކީމްގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ގޯއްޗަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ބިންވެރިޔާ ސްކީމްގެ އުޞޫލުގައިވާގޮތުން ވަކިން ކުރިމަތިލާނަމަ ލިބޭނީ 1250 އަކަފޫޓެވެ. ނަމަވެސް ޖޮއިންޓްކޮށް ކުރިމަތިލާނަމަ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ. ޖޮއިންޓް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެން ގިނައިން ތިބި ނަމަ 4،000 އަކަފޫޓް ލިބޭނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ ދިވެހި ރައްޔިތުންނަށް މި ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޖޮއިންޓްކޮށް ކުރިމަތިލުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލައިފައެވެ.

މި ސްކީމްގެ ދަށުން ފްލެޓަށް އެދުމުގެ ޝަރުތުތަކަކީ އަމިއްލަ ފަރާތަކުން ވިއްކާފައިވާ ފްލެޓެއް ގަނެފައި ނުވުމާއި މަހަކަށް ޖެހޭ އާމްދަނީ 60،000 ރުފިޔާ އަށް ވުރެން އިތުރުނުވުމެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ހުޅުވައިލުމުން، ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ގޯއްޗާއި ފްލެޓް ދަނީ ޙަވާލުކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!