ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް އެމްޑީޕީން ނުކުރާނެ ކަން ޔަގީން: މުޙައްމަދު އިސްމާއީލް
ވސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް އެމްޑީޕީން ނުކުރާނެ ކަން ޔަގީން ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވާ ދަރުބާރެއްގައި ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވައިފިނަމަ ރައީސް މުއިއްޒަކީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި ބަލައި ނުގަންނާނެ ކަމަށާއި އެމަނިކުފާނުގެ ކެބިނެޓަކަށް ރުހުން ނުދޭނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިދާޅުވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށައެޅި މައްސަލަ ފާސް ކުރަން ވޯޓް ދޭން ނިންމާ އެެ ޕާޓީން ނެރިފައިވާ ތްރީލައިން ވިޕާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތި ގަދަބާރުން ރިޔާސަތު ގައި އިންނެވުމަށް ކުރައްވާ މަސައްކަތަށް ފުރުސަތު ނުދެއްވާނެ ކަަމަށެވެ.
މިކަމާއި ގުޅިގެން މުހައްމަދު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ މަޖިލީހުގެ ތެރެއިންނާ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެގެންވެސް ޑރ. މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައި، ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން ޖެއްސުން ކުރަން ފަށާނެ ކަމަށް އެމްޑީޕީން އިއުލާން ކޮށްފައިވާ ކަަމަށެވެ.
" މިއިންވެސް ޔަގީންވެގެން އެ ދިޔައީ އެމްޑީޕީ އަކީ ބަހާއި އަމަލާ ދިމާ ނުވާ ޕާޓީއެއްކަން. މުޢިއްޒުގެ ކެބިނެޓަށް "ނޯ" ބުނާނެ ކަމަށް އެމްޑީޕީން ބުނިގޮތަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް ނޯ ބުނަންޖެހޭ" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އެހެން ނޫންނަމަ، މަޖިލިސް ތެރެއިން ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް އެމްޑީޕީން ނުކުރާނެކަން ޔަގީން ކަމަށާއި މިއަދު އަދި މި ފެނުނީ އެކަމުގެ މަލަމަތި އެކަނި ކަމަށް މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.