ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް 8.2 މިލިއަން ރުފިޔާގެ އެހީ

ދެން އެމްވީ ، ދެން އޮންލައިން

ހެންވޭރު ތިލަފުށި ގޭގައި ހުރި ގުދަނެއްގައި މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި އާއިލާތަކަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އެންމެފަހުގެ މައުލޫމާތު އާންމުކޮށް ޑިޒާސްޓަރ މެނޭޖްމަންޓުން ނެރުނު ރިޕޯޓެއްގައި ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކުގެ ތެރެއިން ހަތް ގޭބީސީއެއްގެ 29 މީހުން އަދިވެސް ވަގުތީ ހިޔާގައި އުޅެމުންދާކަމަށެވެ. އެ އާއިލާތައް އުޅެމުން އަންނަނީ ގާކޮށި ފްލެޓްތަކުގައި ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. އަދި މިފަރާތްތަކަށް ގާކޮށި ފްލެޓުން އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާވަރަށް އިންތިޒާމުތައް އެ އޮތޯރިޓީން ވަނީ ހަމަޖައްސާދީފައެވެ.

ގާކޮށި ފްލެޓްގައި އުޅެމުންދާ މީހުންނަށް 20 ޑިސެމްބަރުގެ ނިޔަލަށް ކެއިން ބުއިމަށް ދެވޭ ފައިސާ ފޯރުކޮށްދީފައިވާކަމަށާއި، އެގޮތުން އެފަރާތްތަކަށް ފަސްލައްކަ ހަހާސް އަށްސަތޭކަ ރުފިޔާ ދީފައިވާކަމަށް އެންޑީއެމްއޭއިން ހާމަކޮށްފައިވެއެވެ. އެއާއެކު ގާކޮށީގައި އާއިލާތައް އުޅެމުންދާ އެޕާޓްމަންޓްތަކަށް ދައްކަންޖެހޭ މެއިންޓަނަންސް ފީއާއި ފެނާއި ކަރަންޓު ބިލްތައްވެސް ސަރުކާރުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެ އޮތޯރިޓީގައި އޮންނަ މިންގަނޑާއި އުސޫލުތަކުގެ ދަށުން ސަރުކާރުން ދޭނެ އެހީތެރިކަން ކަނޑައަޅައި އާއިލާތަކުގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން 20 ގެއެއްގެ 115 ގޭބީސީއެއްގައި ބޭނުންކުރި ޒަރޫރީ ހިފާގެންގުޅޭތަކެއްޗާއި ގޭގެ އިމާރާތައް ލިބުނު ގެއްލުމަށް 7.8 މިލިއަން ރުފިޔާ އެހީގެ ގޮތުގައި މިހާރު ޖަމާކުރަން ފޮނުވާފައިވާކަމަށްވެސް އެންޑީއެމްއޭ ވިދާޅުވެއެވެ. މީގެ ތެރެއިން 5.3 މިލިއަން ރުފިޔާ އަކީ ސަރުކާރުންދޭ ފައިސާ ކަމަށާއި އަނެއްބަޔަކީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުވި ރިލީފް އެކައުންޓަށް އެކި ފަރާތްތަކުން ހަދިޔާ ކޮށްފައިވާ ފައިސާ ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ރިލީފް އެކައުންޓްގައި މިހާރު ބާކީ ހުރީ 36,043.99 ކަމަށާއި މި ފައިސާއިން އާއިލާތަކަށް ރިލީފް އެހީގެ ކަންކަން ހަމަޖައްސަން ހިނގާފައިވާ ޚަރަދުތަކުގެ ބިލްތައް ދެއްކުމަށް ބޭނުން ކުރާނެ ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ހ ތިލަފުށި ގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި 786 މީހަކަށް އަސަރުކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށީ ގޭގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގުދަނާއި އިންވެގެން ހުރި ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ޙާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!