މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކޮންފަރެންެސެއް ބާއްވައިފި
މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި "ނެޝަނަލް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް" ގެ ނަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން މިއަދު ކޮންފަރެންސެއް ބާއްވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މާލޭގައި ބޭއްވި މި ކޮންފަރެންސަކީ މަސައްކަތު މާހައުލުގެ ސަބަބުންޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ކޮންފަރެންސް ކަމަށެވެ.
މި ކޮންފަރެންސްގެ މަޤްސަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ސިއްޙީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކޮށް މަސައްކަތްކުރާ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މުޖުތަމައު ހޭލުންތެރިކުރުވުމެވެ.
އެޗްޕީއޭ އިން ބުނީ މި ކޮންފަރެންސްގައި ސްޓޭކްހޯލްޑަރުންނާއި އެންޖީއޯތަކާއި އަމިއްލަ ފަރާތްތައް އެއްތަނަކަށް އެއްވެ ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމަށް އެކުލަވައިލާ އުސޫލުތަކަށް އެ ފަރާތްތަކުގެ ޚިޔާލާއި ތަޖުރިބާ ހިއްސާކޮށްފައިވާ ކަމަށެވެ.
މިގޮތުން މި ކޮންފަރެންސްގައި ފަސް މައުޟޫއު އަކަށް ޕްރެސެންޓޭޝަން ހުށަހެޅުމާއި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެން ގޮސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. މި މައުޟޫއު ތަކުގެ ތެރޭގައި މަސައްކަތުގެ ސްޓްރެސްގެ ސަބަބުން ސިއްހަތަށް ކުރާ އަސަރާއި ސްޓްރެސް މެނޭޖްކުރާނެ ގޮތާއި މަސައްކަތު މާހައުލުގައި ދިމާވާ އެކްސިޑެންޓް/އަނިޔާތަކުން ރައްކާތެރިވުންފަދަ މައުޟޫއުތައް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ކޮންފަރެންސްގެ ޕެނަލިސްޓުންގެ ގޮތުގައި ހެލްތު މިނިސްޓްރީއާއި އެމްއޭސީއެލްއާއި މަސީ، ޕީއައިއެލްސީ އަދި ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ތަންތަނުން ބައިވެރިވެފައި ވެއެވެ.