އުތުރާއި މެދު ރާއްޖެއަށް މިއަދު ވިއްސާރަ ކުރާނެ

އުތުރާއި މެދުރާއްޖެތެރޭގެ އެކިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރައްވައިފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، މި ވިއްސާރާއިގައި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށާއި، އިރާއި އިރު ދެކުނުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ވަނީ ލަފާ ކުރައްވައިފައެވެ.
އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދު ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. މިފަދަ ދުވަސްތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މެޓުން އަބަދުވެސް ލަފާ ދެއްވައެވެ.