ފޭސްމާސްކުން ކޮރޯނާ ވައިރަސް އިތުރަށް ފެތުރިދާނެ ކަމުގެ އިންޒާރު މާހިރުން ދިފި
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރަމުންދާ ފޭސްމާސްކުގެ ސަބަބުން ވައިރަސް އިތުރަށް ފެތުރިދާނެކަމުގެ ބިރު މާހިރުން ދީފިއެވެ.
އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ އިސް އޮފިޝަލަކު ބުނިގޮތުގައި މާސްކުގެ ތެރޭގައި ވައިރަސް ހަރުލާ ، މާސްކު ތެރެެއަށް ނޭވާ ލުމުން ބަލި ނުޖެހި މާސްކު އަޅާ މީހުންނަށް އޭގެ ނުރައްކާ އިތުރު ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ބަލި ޖެހިފައި ނުވާނަމަ މާސްކު އަޅައިގެން މަގުމަތީގައި އުޅުން ރައްކާތެރި ނޫން ކަމަށް ވެސް ސިފަކޮށްފައިވެއެވެ.
ފޭސް މާސްކުގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ވާހަކަ ދެއްކި އެހެން މާހިރަކު ބުނި ގޮތުގައި ގިނަ މީހުން ގެންގުޅެނީ އެންމެ މާސްކެކެވެ. އަދި ގެއަށް އައިސް މާސްކު ނަގާފައި ބޭއްވެނީ އެންމެ ސާފު ތަނެއްގައި ނޫން ކަމުން އެ މާސްކު އަލުން ބޭނުން ކުރުމުގައި ވެސް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ނަމަވެސް ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު ބޭނުންކުރަން ޖެހެނީ ރައްކާތެރިކަމުގެ ގަވައިދުތަކާއި އެއްގޮތަށް ކަން ފާހަަގަކޮށްފައިވެއެވެ.
ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން މިހާރު ބަލިމަޑު ކަމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ކޮރޯނާ ވައިރަހަށް އަދި ފަރުވާ އެއް ހޯދިފައެއް ނެތެވެ. ބަލިން ރައްކާތެރިވެ ތިބުމަށް ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އަދި ބަލި ޖެހިފައި ތިބޭ މީހުންނާއި ބަލި މީހުންގެ ކައިރީ އުޅޭ މީހުންނާއި ސިއްހީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުން ރައްކާތެރިކަމުގެ މާސްކު ބޭނުންކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.