ތެޔޮ ހުސްވުމާއި ގުޅިގެން ޣައްޒާގެ ކެންސަރަށް ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލް ބަންދުކޮށްފި

ތެޔޮ ހުސްވުމާއި ގުޅިގެން ޣައްޒާގެ ކެންސަރަށް ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލް ބަންދުކޮށްފިއެވެ.
ތުރުކީ-ފަލަސްތީން ފްރެންޑްޝިޕް ހޮސްޕިޓަލްގެ ޑިރެކްޓަރު އަލްޖަޒީރާ ޓީވީން ގެނެސްދިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދޭ އެ ހޮސްޕިޓަލަށް ތެޔޮ ނުލިބުމުގެ ސަބަބުން މިހާރު ހިދުމަތް ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައި ކަނޑާލައި ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ލިބުން ވަރަށް ބޮޑަށް ވަނީ ހުއްޓިފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލްތަކަށް ވެސް ބޮމުގެ ހަމަލާތައް ދެމުންނެވެ.
ތުރުކީ-ފަލަސްތީން ފްރެންޑްޝިޕް ހޮސްޕިޓަލްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާއިރު ޣައްޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 16 ހޮސްޕިޓަލުން މިހާރު ހިދުމަތް ނުލިބެއެވެ. އަދި 72 ޕްރައިމަރީ ހެލްތް ކެއާ ކްލިނިކްގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލިނިކް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސްގެ ހަނގުރާމަވެރިން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި 1400 މީހުން މަރާލުމާއި ގުޅިގެން އިސްރާއީލުން ދަނީ ޣައްޒާ މުޅިން ބަންދުކޮށް، ވަރުގަދަ ބޮމުގެ ހަމަލާތަކާއި، އެއްގަމު އޮޕަރޭޝަންތައް ހިންގަމުންނެވެ.