ވެންޓިލޭޓަރ ގެންނަން އެކްސްޕެންޑިޗަރ އޮތަރައިޒޭޝަން ކޮމިޓީން ވަނީ ހުއްދަދީފައި: ހެލްތު މިނިސްޓްރީ
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރ ގެނައުމުގައި އެކްސްޕެންޑިޗަރ އޮތޮރައިޒޭޝަން ކޮމިޓީގެ ހުއްދަ ލިބުނުކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއަރ ޢައިޝަތު ނިޝާމާ ވިދާޅުވީ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި ތަރައްޤީކުރި އިމަރޖެންސީ އައިސީޔޫތަކަށް ބޭނުންވާ 200 ވެންޓިލޭޓަރު ވީއެންމެ އަވަހަކަށް ގެނައުމަށް ރައީސް އޮފީހުން މިނިސްޓްރީ އޮފް ހެލްތަށް އަންގަވާފައި ވާކަމަށެވެ.
އެގޮތުން އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށްޓަކައި ރައީސް އޮފީހުން އެކުލަވާލާފައިވާ އެކްސްޕެންޑިޗަރ އޮތޮރައިޒޭޝަން ކޮމިޓީގެ ހުއްދަ އެމިނިސްޓްރީއަށް ލިބިފައިވާކަމަށް ވެސް ނިޝާމާ ވިދާޅުވިއެވެ.
މީގެއިތުރުން ނިޝާމާ ވިދާޅުވީ ވެންޓިލޭޓަރ ގެންނަން ހަވާލުކުރި ކުންފުންޏާ ގުޅޭ މަޢުލޫމާތާއި ކުންފުނީގެ ބެންކް ސްޓޭޓަސްއާއި ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރާ ވެންޓިލޭޓަރުތަކުގެ މަޢުލޫމާތު އެ ކޮމިޓީއާއި ހިއްސާ ކޮށްފައިވާނެ ކަމަށާއި މިނިސްޓްރީ އޮފް ފިނޭންސުން ހެލްތުން މިނިސްޓްރީއަށް މި ވެންޓިލޭޓަރުތައް ގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފައިވާ ކަމަށް ލިޔުމަކުން އަންގާފައިވާނެ ކަމަށެވެ.
އެކްސްޕެންޑިޗަރ އޮތޮރައިޒޭޝަން ކޮމިޓީއަކީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާއި އެންޑީއެމްއޭ ހިމެނޭ ކޮމިޓީއެއްކަމަށް މަޖްލީހުގެ ކޮމިޓީގައި ނިޝާމާ ވަނީ ވިދާޅުވެފައެވެ.